ބަންދު ދުވަސްތަކުގައި ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުން މަސައްކަތަށް ނުކުންނަ ނަމަ ހާޒިރީ އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، ސޯޝަލް ހެލްތު އަދި ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދޭން ރައީސް ނިންމެވީ ސިއްހީ ފަންނުވެރިންގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާތައް ދިރާސާކުރެއްވުމަށް ފަހު ކަމަށެވެ.
"ޕޭ ފްރޭމްވޯކަށް ހިޖުރަކުރި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމާފައި،" މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން ހެލްތު އެންޑް ސޯޝަލް ސާވިސް ސެކްޓަރުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހެއްގައިވެސް ޑިއުޓީ އުސޫލުން ހާޒިރުވެ މަސައްކަތް ކުރާ މުވައްޒަފުންނަށް އެ އިނާޔަތް ދޭން ރައީސް ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
ރައީސް އިއްޔެ ވަނީ ޑޮކްޓަރުންނާއި ނަރުހުން ވެސް ރަސްމީ ބަންދު ދުވަސްތަކުގައި ވަޒީފާއަށް ނުކުންނަ ނަމަ، އެޓެންޑަންސް އެލަވަންސް ދޭން ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު