ވިއެޓްނާމްގެ އިމާރާތެއް ރޯވެ 56 މީހުން މަރުވެއްޖެއެވެ.

ވިއެޓްނާމްގެ ވެރިރަށް ހަނޯއީގެ އެޕާޓްމަންޓް ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 37 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ. ވިއެޓްނާމްގެ ފުލުހުން ވަނީ އަނިޔާވި މީހުންގެ ތެރޭގައި ހާލުދެރަ މީހުން ގިނަ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ.

150 އެއްހާ މީހުން ދިރިއުޅޭ ނުވަ ބުރީގެ އެ އިމާރާތުގައި އަލިފާން ރޯވެފައިވަނި މީހުން ނިދާފައި ތިއްބައި ކަމަށް އޮފިޝަލުން ބުނެއެވެ.

އަލިފާން ރޯވުމާއެކު އަލިފާންގަނޑު ނިއްވުމަށް ފަޔާފައިޓަރުން ހަރަކާތްތެރިވަމުން ދިޔައިރު ބައެއް މީހުން ސަލާމަތް ވުމަށް އިމާރާތުގެ ކުޑަ ދޮރުތަކުން ވެސް ފުންމާފައި ވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ހާދިސާ ހިނގުމާއެކު ވިއެޓްނާމްގެ ފުލުހުން ވަނީ އެ އިމާރާތުގެ ވެރިޔާ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ވިއެޓްނާމްގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެތަން އިމާރާތް އިމާރާތްކޮށްފައި ހުރީ ގަވާއިދާ ހިލާފަށް ކަމަށާއި އަލިފާނުން ރައްކާތެރިވުމާ ބެހޭ ގަވާއިދުގައިވާ އެއްވެސް ކަމެއް ފުރިހަމަވެފައި ނުވާކަމަށް ބަޔާނުގައި ވެއެވެ.