ބަންގްލަދޭޝްގައި ކޮކްސް ބާޒާރުގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗްވޮލީބޯލް ޓުއާގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ބޯޅަ ޓީމުގެ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެއްޖެއެވެ.
ކުޑަކާއްޓެއާއި އެޑަމްއަކީ އެ މުބާރާތުގެ ތަށި އެންމެފަހުންވެސް ހޯދި ބީޗުވޮލީ ބޯޅަ ޕެއާއެވެ. އިއްޔެ ކާއްޓެއާއި އެޑަމް ފުރަތަމަ މެޗުގައި ނުކުތީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ 21-05، 21-08 އިންނެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މިއަދު ގްރޫޕް ސްޓޭޖުގައި ނުކުތީ ބަންގުލަދޭޝްގެ މަންސޫރާއި ޝާޖަހާންގެ ޕެއާއާ ދެކޮޅަށެވެ.
އެ މެޗު ރާއްޖޭގެ ޕެއާއިން ކާމިޔާބުކުރީ 21-13 އަދި 21-19 އިން ސެޓުތައް ގެންގޮސްގެންނެވެ.
ކުޑަކާއްޓެއާއި އެޑަމްގެ ޕެއާއަށް ދެން އޮންނާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާއާ ދެކޮޅަށް ކުޅޭ މެޗެވެ. މިފަހަރު ގައުމީ ބީޗްވޮލީ ޓީމުގެ ކޯޗަކީ ކުރީގެ ކުޅުންތެރިޔާ، ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އެސިސްޓަންޓް ކޯޗަކަށް ހުރީ މުހައްމަދު ރިޝްވާންއެވެ. މަންކޭ އާއި ރިޝްވާން ވަނީ ކުރިން ބީޗްވޮލީ ޓީމުގެ ކޯޗަކަށް ހުރި ބްރެޒިލްގެ ވިނީޝިއުސް މާޓިންއާ އެކު ވެސް މަސައްކަތްކޮށްފައެވެ.