މިމަހުގެ އަށާރައިން ބާވީހަށް އިންޑިޔާގެ ގާނޫނުހަދާ މަޖިލިސް ނުވަތަ ޕާލަމަންޓުގެ ޚާއްސަ ބައްދަލުވުންތަކެއް ބާއްވާއިރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަރަށް ޚާއްސަ ގަރާރެއް ހުށަހަޅާނެ ކަމަށް ބެލެވެއެވެ. މި ގަރާރަކީ އިންޑިޔާގެ ނަން ރަސްމީކޮށް ބާރަތު، މިނަމަށް ބަދަލުކުރުމުގެ ގަރާރެކެވެ. މޯދީގެ ސަރުކާރުން ގަބޫލުކުރާގޮތުގައި އިންޑިޔާއަކީ ހުޅަނގުގެ އިސްތިއުމާރުގެ ހަނދާންތައް އައުކޮށްދޭ ނަމެކެވެ. ވަތަނީ އަމިއްލަ ނަމެއް ނޫނެވެ. ގައުމިއްޔަތާއި ތާރީޚާއި ގުޅުންހުރި އަމިއްލަ ނަމަކީ ބާރަތެވެ. ބާރަތަކީ މިހާރުވެސް އިންޑިޔާގެ ގާނޫނުއަސާސީގައި އެގައުމަށް ނިސްބަތްކުރެވިފައިވާ ނަންތަކުގެ ތެރެއިން އެއްނަމެވެ. ހިންދުސްތާނޭވެސް ކިޔައެވެ. ރަސްމީކޮށް ބާރަތުގެ ނަންދިނީމާ ދެން އެހެން ނަންތައް ކިޔުން ހުއްޓިދާނޭކަން ނޭނގެއެވެ.
ބާރަތަކީ މާކުރީގެ ގަދީމީ ތާރީޚާއި ގުޅިފައިވާ ނަމެކެވެ. މިއަދުގެ އިންޑިޔާއަކާ މާބޮޑު ގުޅުމެއްވެސް ނެތެވެ. އެހެންނަމަވެސް ހުރިހާކަމަކާއި ނަމެއްވެސް ބަދަލުކޮށް މުޅި ގައުމުގައި ހިންދޫ ވަތަނިއްޔަތުގެ ކުލަޖެއްސުމުގެ ރޫހެއްގައި މޯދީގެ ސަރުކާރުން މިކަން ކުރަނީއެވެ. ބާރަތަކީ އިންޑިޔާގެ ގަދީމީ ދެފޮތުގެ ތެރެއިން މަހާބަރަތާގައި ބަޔާންކުރެވިފައިވާ ނަންކަމަށްވެއެވެ. މި ނަން ގުޅިފައިވަނީ މާކުރީގެ ހިންދޫ ރަސްކަލަކާއެވެ. އެރަސްގެފާނުގެ ނަންފުޅަކީވެސް ބާރަތެވެ. އިންޑިޔާގެ އެންމެހައި މީސްތަކުންގެ ބަފައިކަމަށް ހިންދޫން ބަލަނީ އޭނާއެވެ. އެހެންވީމާ ބާރަތުގެ މާނަޔަކީ ބާރަތުގެ އެންމެހައި ދަރީންގެ ވަޒަނެވެ. ގައުމެވެ. އެކަމަކު މިނަމާއި މިނަމުގެ އަސްލު ބަޔާންކޮށްދޭ ކޮންމެ ވާހަކައަކީ ފޯކްލޯރެވެ. ތާރީޚީގޮތުން އޭގެ ސާފުހެކި ފެންނާންނެތް ވާހަކަތަކެވެ.
ބާރަތަކީ ގަދީމީ ނަމެކެވެ. އެކަމާމެދު ޝައްކެއް ނެތެވެ. މަހާބަރަތާގައިވެސް ނަން އެއޮތީއެވެ. އިންޑިޔާއަކީވެސް މުސްކުޅި ނަމެކެވެ. އެކަމަކު އިންޑިޔާއޭ ކިޔަންފެށީ ބިދޭސީންނެވެ. ޚާއްސަކޮށް ވިލާތު މީހުންނެވެ. އެންމެ ފުރަތަމަ އިންޑިޔާއޭ ކިޔަންފެށީ އިންޑަސް ކޯރާއި ވާދީއަށް ނިސްބަތްކޮށްފައި މީލާދީ ސަނަތުން ފަހެއް ބީސީގައި ޔޫނާނީންނެވެ. އިނގިރޭސި ލިޔުންތަކުން އިންޑިޔާގެ ނަން ފެންނާންފެށީ މީލާދީން ނުވަވަނަ ސައްތައިގެ ތެރޭގައެވެ. މީލާދީން ސަތާރަވަނަ ސައްތައަށް އެޅުނުއިރު އިނގިރޭސި ބަހުގެ ތެރެއަށް އިންޑިޔާގެ ނަންއޮތީ ރަނގަޅަށް ވަދެ ހަރުލައިފައެވެ. އިންޑިޔާގެ ގާނޫނުއަސާސީ އެކުލަވައިލިއިރު ނަން ބަޔާންކޮށްފައިވަނީ މިފަދައިންނެވެ. އިންޑިޔާއަކީ ބާރަތެވެ. މިއީ މިނިވަންކަމަށް ތިންއަހަރު ފަހުން 1950 ވަނަ އަހަރު އެކުލަވައިލި ގާނޫނުއަސާސީއެވެ.
ގައުމެއްގެ ނަން ބަދަލުކުރުމަކީ އައުކަމެއް ނޫނެވެ. އެކަމަކު ކުޑަކަމެއްވެސް ނޫނެވެ. މީގެ ކުރީގައިވެސް ގައުމުތަކުގެ ނަން ބަދަލުކޮށްފައިވެއެވެ. އެހެންނަމަވެސް އިންޑިޔާ ކަހަލަ ބިޔަ، އާބާދީ ބޮޑު މިވަރުގެ މުހިންމު ގައުމެއްގެ ނަން ބަދަލުކޮށްފައެއް ނުވެއެވެ. އިންޑިޔާގެ ނަން ރަސްމީކޮށް ބާރަތަކަށް ބަދަލުކުރުމަކީ އިންޑިޔާގެ އެންމެން ރުހިގެން ތިބި ކަމެއްވެސް ނޫނެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީންވެސް މިކަމާ ދެކޮޅެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިކަމަކީ ބޮޑުވަޒީރު މޯދީއާއި އޭނާގެ ބީޖޭޕީން ކުޅޭ ސިޔާސީ ކުޅިގަނޑެކެވެ. މިވަގުތަކަށްވެސް އަދި ފަހަށްވެސް ގައުމަށް މުހިންމުވެގެން ކުރާ ކަމެއް ނޫނެވެ. މިކަން މިމަގުންކޮށްފިއްޔާ ކުރިމަތިވާނެ އޮޅުންބޮޅުންތައް ގިނަވާނެއެވެ. ބާރަތާއި ގުޅުވައިގެން ބަދަލުކުރަން ލާޒިމުވާ އެހެން ނަންތައްވެސް ހުންނާނެއެވެ.
ގައުމުތަކުގެ ނަން ގިނަފަހަރަށް ބަދަލުކުރަނީ އިސްތިއުމާރީ ނަންތަކާ ދުރަށް ދިއުމުގެ ގޮތުންނެވެ. މީގެ އެއްމިސާލަކީ މީގެ ފަންސާސްއެއް އަހަރު ކުރިން 1972 ގައި ސިލޯނުގެ ނަން ސްރީލަންކާއަށް ބަދަލުކުރި ކުރުމެވެ. ސިލޯނަކީ އިސްތިއުމާރާއި ގުޅިފައިވާ ފަރަންޖީ ނަމެކެވެ. އެހެންވީމާ އެނަން ދޫކޮށް ސިންގަޅަ ބަހުގެ ތެރެއިން ގައުމުގެ ރީތިކަމާއި ގައުމިއްޔަތުގެ އަސަރު ފާޅުވާ ނަމެއް ނެރެ ސްރީލަންކާއަކަށް ހެދީއެވެ. މީގެ ތިރީސްހަތަރު އަހަރު ކުރިން 1989 ގައި ބަރުމާގެ ނަން މިޔަންމާއަކަށް ބަދަލުކުރީވެސް އިސްތިއުމާރުގެ އަސަރު ނައްތައިލުމަށް ކަމަށް ބުނެއެވެ. އެކަންކުރީ އަސްކަރީ ސަރުކާރަކުންނެވެ. އެހެންވެގެން އެމެރިކާފަދަ ހުޅަނގުގެ ބައެއް ގައުމުތަކުން އައު ނަން މިއަދާހަމައަށްވެސް ބަލައެއް ނުގަނެއެވެ. އެމީހުން އަދިވެސް ކިޔަނީ ބަރުމާއެވެ.
ތައިލެންޑަކީވެސް ނަން ބަދަލުކުރެވިފައިވާ ގައުމެކެވެ. ކުރިން ކިޔަނީ ސިއާމެވެ. މީގެ 84 އަހަރު ކުރިން ސިއާމްގެ ނަން ތައިލެންޑަކަށް ބަދަލުކުރީ ދެކުނު އިރުމަތީ އޭޝިޔާގައި ފެތުރެމުންދިޔަ ހުޅަނގުގެ އިސްތިއުމާރީ އަސަރުން ނެއްޓިތިބެ ގައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ނެގެހެއްޓުމަށް ބާރެއްގެ ގޮތުންނެވެ. ތައިލެންޑުގެ މާނަޔަކީ މިނިވަނުންގެ ގައުމެވެ. އެފްރިކާގެ ބޮޑެތި ގައުމުތަކުގެ ތެރެއިން ޒަޔަރުގެ ނަން މީގެ ސައްބީސް އަހަރު ކުރިން 1997 ގައި ވަނީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއަކަށް ބަދަލުކޮށްފައެވެ. މިކަމަކީ އިސްތިއުމާރުގެ އަސަރާ ދުރަށް ދިއުމަށްވުރެ ބޮޑަށް ޚުދުމުޚުތާރު އަނިޔާވެރި ވެރިއެއްގެ ހަނދާންތަކާ ދުރަށް ދިއުމަށް ކުރި ކަމެކެވެ. ގައުމުގައި ތިރީސްއަހަރަށް ވެރިކަން ކުރެއްވި މޮބޫޓޫގެ ލެގަސީ ނައްތައިލުމަށް ކުރި ކަމެކެވެ.