އެޕަލް އައިފޯން 15 އާއި ވޮޗް ސީރީޒް 9 އަދި ވޮޗް އަލްޓްރާ 2 ރޭ ނެރެފި އެވެ.
އައިފޯން 15 އާންމުކުރަން އެޕަލް އިން ރޭ އިންތިޒާމު ކުރި ހަފުލާގައި މުޅިންހެން ދެއްކީ އެޕަލް އިން ހާސިލުކޮށްފައި ހުރި ލަނޑުދަނޑިތަކުގެ މޮޅު ވާހަކަ އެވެ. ތިމާވެށި ރައްކާތެރިކުރުމަށް އެޕަލްގެ އުފެއްދުންތަކަށް ގެނައި ބަދަލުތަކުގެ ވާހަކަ އެވެ. އަދި 2030 އަށް އެޕަލް ކުންފުނި ކާބަން ނިއުޓިރަލް ކުރާނެކަން ވެސް ވަނީ އިއުލާންކޮށްފައެވެ.
ރޭގެ އިވެންޓްގައި އެންމެ ފުރަތަމަ ތައާރަފުކުރީ އެޕަލް ވޮޗް ސީރީޒް 9 އެވެ. މީ އެ ކުންފުނީގެ އެންމެ ފުރަތަމަ ކާބަން ނިއުޓުރަލް އުފެއްދުންކަން ވަނީ އިއުލާން ކޮށްފައެވެ. މި ގަޑީގައި އެސް9 ޗިޕް ހިމަނައި ހެލްތު ފީޗާތައް ވަނީ އިތުރުކޮށްފަ އެވެ. ބެޓެރީ އިތުރަށް ވަރުގަދަކުރުމާއި ސިރީ މެދުވެރިކޮށް ގަޑިން ކުރެވޭ ކަންކަން އިތުރުކޮށް ފުރިހަމަކޮށްފައިވެ އެވެ. އެޕަލްގެ ވޮޗް އަލްޓުރާ 2 ވެސް ރޭ ވަނީ ނެރެފައެވެ. އަލްޓްރާ 2 ވިއްކާނީ 799 ޑޮލަރަށެވެ. ވޮޗް 9 ވިއްކާނީ 299 އާއި 399 ޑޮލަރަށެވެ. މި ގަޑިތައް މި މަހުގެ 22 އިން ފެށިގެން ގަންނަން ލިބޭނެ އެވެ.
ޓައިނޭނިއަމް ޑިޒައިނާ އެކު އުފައްދާފައިވާ އައިފޯން 15 ޕުރޯ އަކީ މިހާތަނަށް އެންމެ ތުނި ބޯޑަރު ހިމެނޭ އަދި އައިފޯން 14 ޕުރޯއަށް ވުރެ ލުއި ފޯނެކެވެ. އައިފޯން 14 ޕުރޯ އަދި ޕުރޯ މެކްސްގައި އެކަނި ކުރިން ހިމެނޭ ޑައިނަމިކް އައިލެންޑް މިފަހަރު ނެރުނު ހުރިހާ އައިފޯން 15 އާއި 15 ޕްރޯގެ ފޯނުތަކުގައި ވަނީ ހިމަނާފައެވެ. އެހެންކަމުން އައިފޯން 15 ގެ ހުރިހާ ފޯނުތަކެއްގެ ޑިސްޕުލޭ މިވަނީ ބަދަލު ކޮށްފައެވެ. މީގެ އިތުރުން 48 މެގަޕިކްސެލް މެއިން ކެމެރާ ވެސް އައިފޯން 15 ގެ ހުރިހާ އަދަދުތަކެއްގައި ހިމެނެއެވެ.
މުޅި ދުވަހު ހިފަހައްޓާނެ ވަރުގަދަ ބެޓެރީ ހިމެނޭ މި ފޯނުތަކުގައި ވަނީ ކުރިން ވެސް ލަފާކުރި ގޮތަށް ޗާޖިން ޕޯޓް ލައިޓްނިން އިން ޔޫއެސްބީ ސީ އަށް ބަދަލުކޮށްފަ އެވެ. އައިފޯން 15 ގައި ވަނީ މިހާތަނަށް ރިންގް އޮންކޮށް އޮފް ކުރުމަށް ބޭނުންކުރި ބަޓަންގެ ޑިޒައިން ބަދަލުކޮށް "އެކްޝަން ބަޓަން" އަކަށް ހަދާފައެވެ. އެ ބަޓަނަށް ފިތާލައިގެން ހުރުމުން އެކި ފަންކްޝަންތައް ނެގޭނެ އެވެ. އެ މީހަކު ބޭނުންވާ ފަންކްޝަން އައުމުން ސިލެކްޓްކޮށް އެ ކަމެއް އެ ސްވިޗް ބޭނުންކޮށްގެން ކުރެވޭނެ އެވެ.
މިފަހަރު ނެރުނު ފޯނުތަކުގެ އަގުތައް އުޅެނީ އައިފޯން 15، 799 ޑޮލަރަށް އަދި އައިފޯން ޕްރޯ 999 ޑޮލަރަށެވެ. އައިފޯން 15 ޕްރޯ މެކްސް ވިއްކާނީ 1199 ޑޮލަރަށެވެ. ކުރިން 1099 ޑޮލަރުން ފެށުނު ޕުރޯ މެކްސްގެ ފޯނުތަކަށް މިފަހަރު މި ވަނީ 100 ޑޮލަރުގެ އަގު ބޮޑުވުމެއް އައިސްފައެވެ. މަހުގެ 15 އިން ފެށިގެން އައިފޯން 15 އަށް ޕްރީ އޯޑަރު ކުރެވޭނެ އެވެ. އަދި މި މަހުގެ 22 އިން ފެށިގެން އާންމުކޮށް ވިއްކަން ފަށާނެ އެވެ.