ނ. ވެލިދޫ ޖޫނިއާ ކޮލެޖްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ ވެލިދޫ ޖޫނިއާ ކޮލެޖްގެ އަމަލީ މަސައްކަތް މި މަހުގެ ފަސް ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތާއި ޖޫނިއާ ކޮލެޖް އިމާރާތުގެ ތެރޭގައި ދެ ކްލާސް ރޫމާއި އައިސީޓީ ލެބަކާއި ލައިބްރަރީއަކާއި ދެ ވޯކްޝޮޕް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ އަގަކީ 11.91 މިލިއަން ރުފިޔާއެވެ.

ވެލިދޫ ޖޫނިއާ ކޮލެޖެއް ހަދަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ ދިހަ ވަނަ ދުވަހުގައެވެ. މި މަޝްރޫއު ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ.