އެއާ ޗައިނާގެ ފްލައިޓެއް އިންޖީނުގައި ރޯވުމުން އިމަޖެންސީގައި ސިންގަޕޫރަށް ޖައްސައިފިއެވެ.

ޗައިނާގެ ޗެންގްޑޫ އިން ސިންގަޕޫރުގެ ޗަންގި އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ފްލައިޓުގެ އިންޖީނުގައި އަލިފާން ރޯވާން ދިމާވީ އިންޖީނަށް ދިމާވި މެކޭނިކަލް ފެއިލިއާއެއްގެ ސަބަބުން ކަމަށް ހާމަވެފައިވާކަމަށް އެއާ ޗައިނާގެ އޮފިޝަލުން ބުނެއެވެ.

ޗައިނާ އެއާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ހާދިސާ ހިނގުމާއެކު ބޯޓުގެ ފަޅުވެރީން ވަނީ ގަވައިދާ އެއްގޮތަށް ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ފުރިހަމަޔަށް ކޮށްފައެވެ. މީގެ އިތުރުން އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންގެ ފަރާތުންވެސް ފުރިހަމައަށް އެއްބާރުލުން ލިބިފައިވާކަމަށް އެ އެއާލައިނުން ބުނެއެވެ.

146 ފަސިންޖަރުންނާއި ނުވަ ފަޅުވެރީން ދަތުރުކުރި އެ ފްލައިޓު ޗަންގީ އެއާޕޯޓުގައި ޖެއްސި ވަގުތު އެއާޕޯޓު އޮތީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

ފްލައިޓު ޖެއްސުމާއެކު އިމަޖެންސީގައި ބޭނުންކުރާ ސިޑި ބޭނުންކޮށް ހުރިހާ ފަސެންޖަރުން ރައްކާތެރިކަމާއެކު ވަނީ ބާލައިފައެވެ. އޮފިޝަލުން ވަނީ ނުވަ މީހަކަށް އެކިވަރުގެ އަނިޔާވިކަމަށް ބުނެފައެވެ.

ޗަންގީ އެއާޕޯޓުގެ ހާއްސަ ޓީމަކުން ވަނީ އެ ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެ މަސައްކަތުގައި ބައިވެރިވުމަށް އެއާ ޗައިނާގެ ހާއްސަ ޓީމެއްވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.