ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި މުޅި ރާއްޖެއަށް އަދި މުޅި އައްޑޫ ސިޓީއަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް ނެތް ކަމަށާއި ކުރިއަށްއޮތް ދައުރު އައްޑޫ ރައްޔިތުން ނިންމާލާނީ ފަހުރުވެރި އައްޑޫ ދަރިންގެ ގޮތުގައި ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް އަދި އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެން މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ސޯލިހު ކޮށްދެއްވާފައިވަނީ ކުދިކުދި ކަންތައްތަކެއް ނޫން ކަމަށާއި އެއީ މަދު އަދަދެއްގެ މަސައްކަތެއް ވެސް ނޫން ކަމަށެވެ.
"މިއީ ކުރުކޮށް، ކުޑަކޮށް އަދި ސްލޯކޮށް ކުރެވޭނެ ކަމެއް ވެސް ނޫން. ހަގީގަތުގައި ހަމައެކަނި މި މަސައްކަތްތަކަށް ބަލައިލި ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އެބަ އެނގޭ ސްލޯއެއް ނޫންކަން، ފާސްޓުކަން، ފުރިހަމަކަން، ޕްރޮޑަކްޓިވްކަން، އިފެކްޓިވްކަން އަޅުގަނޑުމެންނަށް އެނގި ސާބިތުވެގެންދަނީ. އެހެންވީމާ ދަންނަވަން އޮތީ އިބޫ ނޫން ގޮތެއް ހަމަ ނެތޭ. މި ރާއްޖެއަކަށް އިބޫ ނޫން ގޮތެއް ނެތް. އަދި އަމުދުން މި އައްޑޫއަކަށް ވެސް އިބޫ ނޫން ގޮތެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އިތުރު ކަމެއް ކުރަން އުޅޭ ބަޔަކު ދެން ނުފެންނަ ކަމަށާއި ވާދަވެރިން ދައްކާ ވާހަކަ ދިމާވެސް ނުވާ ކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ވަކި އައްޑޫއަށް ވީ މާމޮޅު ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.
"އައްޑޫގެ ޓޫރިޒަމްގެ ވާހަކަ އެބޭފުޅުން ތަކުރާރުކޮށް އެ ދައްކަވަނީ. ހަގީގަތަކީ އައްޑޫގެ ޓޫރިޒަމް ހަލާކުވެދިޔައީ އަޅުގަނޑުމެން އޭރު ނިންމި ނިންމުންތަކެއްގެ ސަބަބުން. އެއީ ބޮޑު ކުލި، ބޮޑު އަގު ނަގަން ނިންމުނީތީ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތަސައްވަރު އަޅުގަނޑުމެންނަށް ކާމިޔާބުވެއްޖެހެން. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތަސައްވަރު ބޮޑުތަނުން ނިމި، ކުލަ ޖެހެމުންދަނީ، ކުރަހައި ނިމިފައި އޮތީ. ކުރިއަށްއޮތް މިއޮތް ފަސް އަހަރު ނިމޭ އިރު، އައްޑޫ މީހުންނަށް ހަމަ ހަގީގަތުގައި ވެސް ފަހުރުވެރި އައްޑޫ ދަރިންގެ ގޮތުގައި ތިބެވޭނެ. އަދި މުޅި ރާއްޖެއަށް އުފާވެރިކަމާއި އަމާންކަން ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މިއަދު ޝަންގްރިއްލާގެ މައްސަލައިގައި ވެސް ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ނިންމާފައިވާ ކަމަށާއި މިހާރު އެ ހިއްކުނު ތިން ރަށާއި އިތުރު ދެ ރަށާއެކު ހަންކެޑެ ވެސް ޓޫރިޒަމަށް މިހާރު ފައްކާވެ ނިމިފައިވާ ކަމަށެވެ. އަދި ހަންކެޑެއަށް ބޭނުންވާ ބުރިޖެއް އަޅައި ނިމިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު