ތުރުކީގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވި އެމެރިކާ މީހަކު ސަލާމަތްކުރަން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.

ތުރުކީގައި ހުންނަ ކޭވްތަކުގެ ތެރެއިން ތިންވަނައަށް އެންމެ ފުން ކޭވްގައި އުމުރުން 40 އަހަރުގެ މާކް ޑީކޭ ނަމަކަށް ކިޔާ އެމީހާ ތާށިވެފައިވަނީ ކޭވްގައި ހެދުމަށް ހަމަޖެހިފައިވާ އާ މަގެއް ކުރެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް އޭނާއަށް ސިއްހީ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ސަަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.

މާކް ތާށިވެފައިވާ މޯކާ ކޭވް އިން އޭނާ ސަލާމަތްކުރުމަށް 150 އަށްވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި ތުރުކީ އާމީން ވަނީ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވާން ފަށައިފައެވެ.

މާކް ތާށިވެފައިވަނީ ކޭވްގެ 1120 މީޓަރު އަޑީގައި ކަމަށް އޮފިޝަލުން ބުނެއެވެ. އޭނާއަށް ދިމާވީ އޭނާގެ ބަނޑުގައި އެތެރެއިން ލޭފޭބުމުގެ މައްސަލައެއް ކުރިމަތިވެގެން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މާކްއަށް އަވަސް ފަރުވާ ދިނުމަށް ހަ ޔުނިޓުގެ ލޭ ފޯރުކޮށްދީފައިވާ އިރު، އޭނާގެ ހާލު ސްޓޭބަލް ކަމަށް އޮފިޝަލުން ބުނެއެވެ.

ކޭވްގައި ތާށިވެފައިވާ ހިސާބުގެ ގޮތުން މާކް ސްޓްރެޗަރެއްގައި ނެގުމަށް އުނދަގޫތަކެއް ހުރުމުގެ ސަބަބުން ތުރުކީގެ އާމީން ވަނީ އާ ގޮތްތަކެއް ބަލައި ރެސްކިއު އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައެވެ.