• އައްޑޫ ސިޓީ ހިތަދޫން އަލީ އަފާފު ރަމީޒް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް އެއްބުރުން ނިންމައި ސީލްކޮށް އޭގައި ތައްގަނޑު ޖަހާނީ އައްޑޫ ސިޓީން ކަމަށް ރައީސް އިބްރާހިމް މުހައްމަދި ސޯލިހް ވިދާޅުވެއްޖެއެވެ،

ރިޔާސީ ކެމްޕޭނަށް އައްޑުއަށް ވަޑައިގެން މި ސިޓީގެ ހިތަދޫގައި މިހާރު ކުރިއަށްދާ "އުފާވެރި އައްޑޫ" ޖަލްސާގައި ރައީސް ވިދާޅުވީ އައްޑުއަށް ވަޑައިގެންނެވި ވަގުތު ހުރިހާ ރަށަކުން ގަމަށް އެއްވެ ކީ ހޫނު މަރުހަބާއިންނާއި ޖޯޝުން އެއްބުރުން މިކަން ނިމިއްޖެކަން ޔަގީންވެއްޖެ ކަމަށެވެ.

"މީގެ ކުރިންވެސް ބުރު ބުރުން އެ ދުވަހު އެކަން ކުރި އިރުވެސް ތިބޭފުޅުން ތިއްބެވީ އެންމެ ކުރީ ސަފުގައި، މާދަމާ ނޫން އަނެއް ދުވަހު މިކަން ނިންމަންވެސް އެއްބުރުން ތިބީ ތިބޭފުޅުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިފަހައްޓާ އެއްކޮޅު މި ހިތަދޫގެ މޫލަ ކެޑެއިން ފަށާ ދުވަސް ކަމަށާއި އެ އިންތިހާބަކީ އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ޝާމިލުވާ ބޮޑު ދުވަސް ކަމަށެވެ.

"އެއްބުރުން ދިވެހިން ނިންމާ ނިންމުން ސީލްކޮށް އޭގައި ތައްގަނޑު ޖަހާނީ މި ބޮޑު އައްޑޫ ސިޓީން. އެއީ ޝައްކެއް އޮތް ކަމެއް ނޫން." ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ޑިމޮކްރެޓިކް ހަޔާތުން ފެނިވަޑައިގަތް އެއް މަންޒަރަކީ ރަނގަޅެއް ހޯދުމަށްވެސް ހެވެއް ހޯދުމަށްވެސް އައްޑޫ ރައްޔިތުން ކުރާ ކަމަކީ ބުރަކޮށް މަސައްކަތް ކުރުން ކަމަށެވެ.

"އޭގެ އެއް މިސާލަކީ އެމްޑީޕީ އުފެދިގެން އައި އިރު އައްޑޫ ސިޓީން ވީ ގުރުބާނީ. ސިއްރުން އައްޑު ބަދަލުކޮށްގެން ވާހަކަދެއްކި މީހުން މިތާ އެބަތިބި، މުޒާހަރާއަކަށް ދާންވީމަ ބުނެލާތަނުން ދޯނީގައި ފުރައިގެން މި ބޮޑު ކަނޑުތައް ހުރަސް ކުރަމުން މާލެއަށް ދަތުރުކުރި އެތައް ބައެއް މިތާ އެބަތިބި. ޕެޕޭ ސްޕްރޭ އާއި ކަރުނަގޭހާއި ޖަލު ގޮޅި ދުށް އެތައް ބައެއް މިއަދުވެސް މިތާ އެބަތިބި،" ރައީސް ވިދާޅުވިއެވެ.

"މިއަދު މި ފެންނަނީ އަޅުގަނޑުގެން ތިބޭފުޅުން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ. އެދުވަހު އިންދި ގަހުގެ ހިޔަލަށް މޭވާ ދޮންވެ ފައްކާވަމުން އަންނަތަން. މި ފެށޭ ރިޔާސީ ދައުރުގައި މުޅި ރާއްޖެއިން ހާއްސަކޮށް އައްޑޫ ސިޓީ އެ މޭވާ ބިންނާނެ މޫސުން. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އަޅުގަނޑު މަސައްކަތް ކުރީ، ސަރުކާރުން މަސައްކަތް ކުރީ ވެފައިވާ ވައުދުތައް މެނިފެސްޓޯ ފުއްދުމަށް. އަޅުގަނޑު ހިތުން އޭގެ ރީތި މަންޒަރު މިއަދު ފެންނަމުން އެދަނީ،"

އެގޮތުން އައްޑޫގެ 109 ހެކްޓަރުގެ ބިން ހިކިއްޖެ ކަމަށާއި މުޅިން އަލަށް ހަދާ ފަސް ރިސޯޓުގެ ތެރެއިން ތިން ރިސޯޓުގެ ބިން ހިއްކައި މިހާރު ނިމިއްޖެ ކަމަށެވެ. 124 ކިލޯ މީޓަރުގެ މަގު، އެންމެ ޒަމާނީ ފެންވަރަށް ތާރު އަޅައި ހަދަމުންދާ ކަމަށެވެ.

"ސަންގްރިއްލާ އަށް ދާއިމީ ހައްލެއް އެ ގެނެވުނީ. ގަން އެއާޕޯޓްގައި 1984 40 އަހަރު ކުރިން ހަރުކޮށްފައިވާ އެކުއިޕްމެންޓް ބަދަލު ކުރެވެނީ. ހަންކެޑެ އިންޓަގްރޭޓެޑް ޕްރޮޖްޓްގައި ސޮއިކޮށް ފަށަށް އެވަނީ ތައްޔާރުވެފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އައްޑޫ ސިޓީ ތަރައްގީ ކުރަނީ އެންމެ މައި އެއް ހަބުގެ ގޮތުގައި ކަމަށެވެ.