ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުށްވެރިޔަކު ލަންޑަން ޖަލުން ފިލައިފިއެވެ.

ލަންޑަންގެ މެޓްރޯޕޮލިޓަންގެ ފުލުހުން ވަނީ އެ ސިޓީގައި ހުންނަ ޖަލުން ފިލާފައިވަނީ ޑަނިއެލް އަބެދް ހަލީފް ނަމަކަށް ކިޔާ މީހެއް ކަމަށް ބުނެފައެވެ.

ލަންޑަންގައި ހުންނަ ވެންޑްވޯތު ޕްރިޒަނުން ފިލާފައިވާ މީހާއަކީ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ މީހެކެވެ. ޑަނިއެލް އަކީ އިނގިރޭސިވިލާތުގެ ކުރީގެ އާމީގެ މީހެކެވެ. އޭނާ ވަނީ އާމީގައި އުޅުނު ދުވަސްވަރު މިލިޓަރީ ބޭސްއެއްގައި ފޭކު ބޮންތަކެއް ޕްލާންޓު ކުރިކަމުގެ ކުށުގައި ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ އުމުރުން 21 އަހަރުގެ ޑަނިއެލް ހޯދުމަށް އާންމުންގެ އެހީއަށް ވެސް އެދިފައެވެ. އަދި ފުލުހުން ލަފާކުރާގޮތުން އޭނާއަށް އަދި ލަންޑަނުން ބޭރަށް ނުދެވެއެވެ.

ޑަނިއެލް ޖަލުން ފިލުމާއެކު އިނގިރޭސި އެއާޕޯޓުތަކުގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން އެއާޕޯޓުތަކުން ފުރާ ފަސެންޖަރުންނަށް އިތުރު ޗެކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޮފިޝަލުން ބުނެއެވެ. މިކަމާ ކުޅިގެން 30 މިނެޓުގެ ޑިލޭއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.