އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތު (އެންސީއެމްއެޗް) އިން އިންތިޒާމުކޮށްގެން ބާއްވާ "އޮއެވަރު" މެންޓަލް ހެލްތު ކޮންފަރެންސަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 15 އިން 16 އަށެވެ. މި ކޮންފަރެންސްގެ ޝިއާރަކީ "ޗޭންޖިން ކަރަންޓްސް: ފޯމިން ކަނެކްޝަންސް" އެވެ.
"އޮއެވަރު" ކޮންފަރެންސުގެ ބޭނުމަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކުރުވުމާއި އެކަމާ ގުޅޭ ވާހަކަ އާންމުކޮށް، އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ނަފްސާނީ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތައް އެއްތަނެއްގައި މުއާމަލާތްކޮށް، އެކަކު އަނެކަކުގެ ތަސައްވުރު ހިއްސާކުރުމެވެ.
މި ކޮންފަރެންސްގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ އެންމެ ފަހުގެ ދިރާސާތަކާއި އިޖާދީ އުކުޅުތަކާ ބެހޭ ގޮތުން އެކި އެކަޑެމިކް ޕްރެޒެންޓޭޝަންތަކާއި މިހާރު ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ އިތުރުން އެވިޑެންސް ބޭސްޑް ސިޔާސަތުތައް ގާއިމުކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ތައުލީމީ ޕްރެސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ.
މިއީ، މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.