ހއ. ކެލާ މަގު ހެދުމުގެ މަޝްރޫއާއި އދ. ދަނގެތީ ބަނދަރު ބޮޑުކުރުމާއި އިންޑަސްޓްރިއަލް ޒޯނަށް ބިން ހިއްކުމާއި އެ ސަރަހައްދަށް ދޯނި ގާތްކުރެވޭ ގޮތަށް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެެ މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ޑިރެކްޓާ ޖެނެރަލް ފާތިމަރު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ކެލާ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 99.2 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން 3.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި މަަގުބައްތި ޖަހާނެއެވެ.

އދ. ދަނގެތީ ބަނދަރު ބޮޑުކުރުމާއި އިންޑަސްޓްރިއަލް ޒޯނަށް ބިން ހިއްކުމާއި އެ ސަރަހައްދަށް ދޯނި ގާތްކުރެވޭ ގޮތަށް ހެދުމުގެ މަޝްރޫއު އެމްޓީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 76.8 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން އިންޓަސްޓްރިއަލް ޒޯނަށް ބޭނުންވާ 3.3 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި އައު ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި ސޭންޑްފިލް ބްރޭކްވޯޓާ ހެދުމާއި ރިވެޓްމަންޓް ޖެހުމާއި 170 މީޓަރުގެ ސޭންޑްފިލް ކީވޯލް ހެދުމާއި 43 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 219 މީޓަރުގެ އެއްގަމު ތޮށި ލުމާއި 398 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ރޭމްޕެއް ހެދުމާއި 8 މޫރިން ބޮއި ހަރުކުރުމާއި އެސްސެސް ޕްލެޓް ފޯމެއް އެޅުމާއި 35 އަކަ މީޓަރުގެ ދިގު ކޮންކްރީޓް ބުރިޖެއް ހެދުމާއި 19 މަގު ބައްތި ހަރުކުރުމާއި ދެ ނެރު ބައްތި ޖެހުމާއި 3،052 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ.