ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ، ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުގެ ފަސްވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މާއެނބޫދޫ އަކީ 1000 ހެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ މަސްވެރި ރަށެކެވެ. ޒަމާނުއްސުރެ މާއެނބޫދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ނެތުމުގެ ޝަކުވާއެވެ. މިއަދު މޮބިލައިޒް ކުރެވުނު މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، އެ ރަށުގެ ބިމުގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް އެމްޓީސީސީން ދެކެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 76.76 މިލިއަން ރުފިޔާއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަމެންޓް އިމްޕެކްޓު އެސެސްމެންޓް (އީއައިއޭ) ހެދުމަށްފަހުއެވެ. މާއެނބޫދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.

އެ މަޝްރޫއުގެ ދަށުން، 15 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ސޭންޑް ސާޗް ސާވޭއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.