މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންގެ ކިބައިން، މައުމޫން ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރައްވާއިރު، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މައުމޫންގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަމުންނެވެ. މައުމޫންގެ ސަބަބުން ބަޔަކަށް އަނިޔާ ލިބިފައިވާތީ ފާރިސްއަށް ވޯޓު ނުދޭނެ ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަދި މައުމޫންގެ ދިގު 30 އަހަރު އަނބުރާ އިޔާދަކުރަން ބޭނުންނުވާ ކަމަށް ވެސް ބުނެއެވެ.
އެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރޭ އެކްސްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ފާރިސް ވިދާޅުވީ، މައުމޫންގެ ވެރިކަމުގައި ބައެއް މީހުންނަށް އަނިޔާ ލިބި، ހިތާމައިގައި އުޅެން ޖެހިފައިވުމަކީ ހަގީގަތެއް ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި އެ އަނިޔާ ލިބުނު މީހުންނަށް ފުރިހަމަ ތަސައްލީއެއް ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިކަމަށްޓަކާ ތިޔަ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން" ފާރިސް ވިދާޅުވިއެވެ.
ފާރިސް މީގެ ކުރިން މީޑިއާއަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވަނީ މައުމޫންގެ ވެރިކަމަކީ އަނިޔާވެރިކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރޭ އާންމު ކުރެއްވި ވީޑިއޯގައި ފާރިސް ވަނީ އެކަމަށްވެސް މައާފަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ވަރަށް ފަހުން ދެއްކި ވާހަކައެއްގެ ސަބަބުން މި ހިތާމަތަށް އިތުރުވެގެން ދިޔަކަމަކީ ހަމަ ހަގީގަތެއް. އެހެންވީމާ މިކަމަށްޓަކައިވެސް އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ފާރިސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު