• ރ. މާކުރަތުން އަލީ ރިފްޝާން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދީގެން އަލުން އަނބުރާ އަނިޔާވެރިކަމުގެ ތެރެއަށް ދިއުމަކީ ޗޮއިސްއެއް ނޫން ކަމަށާއި އެ މަނިކުފާނު ނޫން ޗޮއިސްއެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މިއަދު ހެނދުނު ރ. މާކުރަތަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ދެ ފަޅިއެއް ކަމަށާއި އެއީ އެމްޑީޕީއަށް ތާއީދުކުރާ ބަޔަކާއި ޕީޕީއެމަށް ތާއީދުކުރަ ބަޔަކު ކަމަށެވެ.

"ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދީފިއްޔާ ވާނެ ގޮތް ތިޔަ ބޭފުޅުން ވިސްނަވާ. ރާއްޖެ ދުށް ބިރުވެރި، ނާމާން، އުނދަގޫ ދުވަސްވަރު ހަނދާންކޮށް ތަކުރާރުކޮށް ވިސްނަން ޖެހޭނެ. ވޯޓު ދީގެން އެ ބޭފުޅުންނަށް ކާމިޔާބުވެއްޖެއްޔާ މި ދެވެނީ އެ ބިރުވެރި ނާމާންކަމުގެ ތެރެއަށް. އަނިޔާވެރިކަމުގެ ތެރެއަށް ދިއުން. ހަމައެކަނި އޮތީ އަޅުގަނޑަށް ވޯޓު ދިނުން. އެ ނޫން އެއްވެސް ގޮތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޯޓުން އެ މަނިކުފާނާ ގާތްކުރެވޭނެ މީހެއްވެސް ދެން ނެތް ކަމަށާއި އެހެން ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ އިސްރާފެއް ކަމަށެވެ. އަދި ވޯޓު އިސްރާފު ނުކޮށް އެ މަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"ޕީއެންސީއަށް ވޯޓު ދީފިއްޔާ މުޅި ގައުމު ހަލާކުގެ ތެރެއަށް މި ދެވެނީ. ދެން ތިބި މީހުންނަށް ވޯޓު ދީފިއްޔާ އެއީ ގެއްލޭ އެއްޗެއް. ތިޔަ ބޭފުޅުން ހުރިހާ މެނިފެސްޓޯއެއްވެސް ބައްލަވަން ވާނެ. އަޅުގަނޑުމެންގެ މެނިސްޓޯގައި ބޮޑު ތަފާތެއް ހުންނާނެ. ވިސްނާލީމާ ފެންނާނެ ހުރި ތަފާތު. އަޅުގަނޑުމެން މި ކުރަނީ ރާއްޖެއަށް ތަފާތު ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރަށް ރައީސް ވަނީ މާކުރަތަށްވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ބިން ހިއްކައި، ހައުސިން ޔުނިޓުތައް ހެދުމާއި ފެން ބޮޑުވާ މަގުތައް ހަދައި ތާރު އެޅުމާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން އަދި ދޯނި އެހެލާ ސަރަހައްދެއް ހެދުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.