އެންޓާކްޓިކްގައި ބަލިވި މީހާ އުނދަގޫ އޮޕަރޭޝަނަކަށްފަހު އޮސްޓްރޭލިއާގެ ބޯޓަށް ނަގައިފިއެވެ.

އޮސްޓްރޭލިއާއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނަކީ އެންޓާކްޓިކްގައި ދިރާސާ ކުރާ މީހުންގެ ތެރެއިން މީހަކު ހާލު ގޯސްވެ އިތުރު ފަރުވާ ބޭނުންވުމުން ފެށި އޮޕަރޭޝަނެކެވެ.

އޮސްޓްރޭލިއާގެ އެންޓާކްޓިކް ޕްރޮގްރާމްގައި ހަރަކާތްތެރިވާ އެ މީހާ ސަލާމަތް ކުރުމަށް އެ ގައުމުން ވަނީ ހާއްސަ އުޅަނދު އާރްއެސްވީ ނުއިނާ ނަމަކަށް ކިޔާ ބޯޓެއް ބޭނުން ކޮށްފައެވެ. އެ އުޅަނދުގައި ހާއްސަ މެޑިކަލް ޓީމަކާއި ދެ ހެލިކޮޕްޓަރު އުފުލައެވެ. 2139 މޭލުގެ ދިގު ދަތުރަކަށްފަހު އެ ބޯޓު އެންޓާކްޓިކަށް ފޯރާފައިވާއިރު އެމީހާ ނަގާފައިވަނީ ބޯޓުގެ ހެލިކޮޕްޓަރު ބޭނުންކޮށްގެންނެވެ.

ބަލިމީހާ ގޮވައިގެން ބޯޓު ދަތުރުކުރަމުން އަންނަނީ ޓަސްމޭނިއާއަށް ކަމަށް އޮސްޓްރޭލިއާގެ އޮފިޝަލުން ބުނެއެވެ. އެގައުމުގެ ހޮބާޓް ސިޓީއަށް ބޯޓަށް ދެވޭނެކަމަށް ބެލެވެނީ އަންނަ ހަފުތާގައެވެ.

20 މީހުންގެ މައްޗަށް އެކުލެވޭ ރިސާޗް ޓީމެއް އެންޓާކްޓިކް ރިސާޗް ސެންޓަރުގައި ހަރަކާތްތެރިވާއިރު އެތަނުގައި ފުރިހަމަ ސިއްހީ ހިދުމަތްތަކެއް ނުހުންނަ ކަމަށް އޮފިޝަލުން ބުނެއެވެ.