ހަނދުގެ މިޝަން ކާމިޔާބުކަމާއެކު ނިންމާލައި، އިންޑިއާއިން ހަނދަށް ފޮނުވާލި އުޅަނދު ނިދައިފި، (ސްލީޕް މޯޑަށް) ހިނގައްޖެ ކަމަށް އެގައުމުގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ހާމަކޮށްފިއެވެ.

އިންޑިއާއިން ހަނދުގެ ދެކުނު ތަނޑީގައި ދިރާސާތަކެއް ކުރުމަށް ފެށި ބޮޑު މިޝަން ''ޗަންދްރަޔާން-3'' ގައި ހަނދަށް ތިރިކޮށްފައިވާ އުޅަނދު ''ޕްރަގްޔާން'' ވަނީ ހަނދުގައި ދެ ހަފުތާވަންދެން ދިރާސާކޮށް އެ މަސައްކަތް ނިންމާލާފައެވެ.

އިސްރޯ އިން ވަނީ ހަނދުގައި ހަރަކާތްތެރިވާ އުޅަނދު ''ޕްރަގްޔާން''ގެ މަސައްކަތް މިވަގުތަށް ނިމިފައިވާކަމަށާއި އެ އުޅަނދު މިހާރު ''ސްލީޕް މޯޑް'' އަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ރިސީވަރު މަސައްކަތް ކުރުމަށް ބެޓަރީތައް ޗާޖު ކުރާނެ ކަމަށް އިސްރޯއިން ބުނެފައިވެއެވެ.

އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ވަނީ ކުރިޔަށް އޮތް ތަނުގައި ''ޕްރަގްޔާން''ގެ މަސައްކަތެއް ޖެހިއްޖެ ނަމަ އަލުން އޮންކޮށް މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ބުނެފައެވެ. ނަމަވެސް ހަނދުގައި ''ޕްރަގްޔާން'' ވެގެން ދާނީ އިންޑިއާގެ ލޫނާ އެމްބަސަޑަރަކަށް ކަމަށް އިސްރޯ އިން ބުނެއެވެ.

ހަނދުގެ ދެކުނު ތަނޑީގައި އިންޑިއާއިން އުޅަނދު ތިރި ކުރުމާއެކު އިންޑިއާ ވެގެން ދިޔައީ ހަނދުގެ އެސަރަހައްދުގައި އުޅަނދެއް ތިރިކުރި ފުރަތަމަ ގައުމަށް ވެފައެވެ.