ތ. ރުއްތިބިރަށުގައި ރިސޯޓު ހަދަން ބީލަމަށް ލައިފިއެވެ.

މިއީ ރިސޯޓު ތަރައްގީކުރުމަށް، މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު މިނިސްޓްރީ ކުރިން ކުރި އިއުލާނުގެ ދަށުން ބީލަމަށް ހުޅުވާލި ތިން ވަނަ ރަށެވެ. އެ ފަހަރު ދެން ބީލަމަށް ލާފައިވާ ރަށްތަކަކީ ހއ. މެދުފުއްޓާއި ށ. ނަލަންދުއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގައި ރިސޯޓް ހަދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 10:00ގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަންވާނެ ކަމަށެވެ. ބީލަމާ ގުޅޭ މައުލޫމާތު ބޭނުންވާ ނަމަ، މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 1:00ގެ ކުރިން [email protected] އަށް އީމެއިލް ކުރަންވެސް އެދިފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރުއްތިބިރަށުގައި ތަރައްގީ ކުރަނީ ހުޅުވާލާފައިވަނީ މަދުވެގެން 100 އެނދުގެ ރިސޯޓެއް ކަމަށާއި އެތަނުގެ ލޭންޑު އިކުއިޒިޝަން ކޮސްޓަކީ 875،000 ޑޮލަރު (13.5 މިލިއަން ރުފިޔާ) ކަމަށެވެ. އަދި ރިސޯޓް ހެދުމަށް ހުށަހަޅާ ފަރާތްތަކުން މާލީ ގާބިލުކުރަން ސާބިތުކޮށްދިނުމަށް ދެ މިލިއަން ޑޮލަރު ހުރިކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ރަށްވެސް ކުއްޔަށް ދެނީ، އާންމު އުސޫލުން 50 އަހަރަށެވެ. އަދި އެ ރަށްތައް ހަވާލުކުރާތާ 36 މަސް ދުވަސް ތެރޭގައި ރިސޯޓު ހަދައި ނިންމަންޖެހެއެވެ.

ބޮޑުމިނުގައި 8.41 ހެކްޓަރުގެ ރުއްތިބިރަށަކީ 2013 ވަނަ އަހަރު ރިސޯޓެއް ތަރައްގީކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑަށް 50 އަހަރަށް ދިން ރަށެކެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަން" އަށް މިއަދު ވިދާޅުވީ، އެ ރަށް އަލުން ޓޫރިޒަމަށް ދޫކުރަން އިއުލާން ކޮށްފައި ވަނީ އެ ރަށް އެ ކުންފުނިން ދޫކޮށްލުމުން ކަމަށެވެ.