ހއ. ތަކަންދޫ، ނ. ފޮއްދޫ، ގއ. ގެމަނަފުށީ އަދި ހއ. މާރަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހަތަރު ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމާ ގުޅޭ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާއެވ.ެ އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި ހަތަރު މަޝްރޫއުގެ އަގަކީ ޖުމުލަ 214 މިލިއަން ރުފިޔާއެވެ.

ޖުމުލަ 46.59 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި ތަކަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 15،565 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން އަދި ނެރު ފުންކުރުމާއި 58 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 161 މީޓަރުގެ ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސޭންޑް ފިލްޑް ބޭރުތޮށި އައުޓާ ރިވެޓްމަންޓެއް ޖެހުމާއި 244 މީޓަރުގެ އެއްގަމުތޮށި ލުމާއި 17 މީޓަރު ދިގު ހަތް މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 11 މީޓަރު ދިގު ތިން މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 2،463 އަކަ މީޓަރުގެ ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޖުމުލަ 43.98 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މާރަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 9،248 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 45،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 1،657 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 150 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 17 މީޓަރުގެ ގްރޮއިން ޖެހުމާއި 215 މީޓަރުގެ އެއްގަމުތޮށި ލުމާއި 194 މީޓަރުގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 70 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި 2،291 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޖުމުލަ 53.75 މިލިއަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 30،648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 3،990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 165 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 145 މީޓަރުގެ ބޭރުތޮށި ލުމާއި 130 މީޓަރުގެ އެއްގަމުތޮށި ލުމާއި 125 މީޓަރު ދިގު ހަ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި 600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

ޖުމުލަ 70.16 މިލިއަން ރުފިޔާއަށް 570 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި ގެމަނަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 37،516 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 65،330 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި 11 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 221 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓާ ރިވެޓްމަންޓް ޖެހުމާއި 210 މީޓަރުގެ ސޭންޑް ފިލްޑް ބޭރުތޮށި އިނާ ރިވެޓްމަންޓް ޖެހުމާއި 405 މީޓަރުގެ އެއްގަމުތޮށި ލުމާއި 2،635 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.