ޚަބަރު

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބޭންކަކުން އެތެރެކުރި ޑޮލަރުތަކެއް: ކަސްޓަމް

މުހައްމަދު އިޝާން

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ޑޮލަރުތަކަކީ ބޭންކަކުން އެތެރެކުރި ޑޮލަރުތަކެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް)ން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އެ ވީޑިއޯ އާންމުކުރި ފަރާތުން ބުނެފައިވަނީ ވީޑިއޯއިން ފެނިގެންދަނީ އިންޑިއާއިން ރާއްޖެ އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ޑޮލަރަށް ކަސްޓަމުން ކުލިއަރެންސް ދޭ މަންޒަރު ކަމަށެވެ.

އެ ވާހަކަތައް ދޮގުކޮށް ކަސްޓަމުން އިއްޔެ ބުނެފައިވަނީ ވީޑިއޯގައި ފެންނަ ފައިސާއަކީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން، ބޭންކްތަކުން އަމަލުކުރަން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަކޮށް، ކަސްޓަމްސްއަށް ޑިކްލެއާ ކޮށްގެން، އެތެރެކޮށްފައިވާ ފައިސާ ކަމަށެވެ.

އެފަދަ ވީޑިއޯތައް އާންމުންނަށް އޮޅޭނެހެން އެކި ގޮތްގޮތަށް ޝާއިއުކުރުމުގެ ކުރިން ކަސްޓަމްސްއިން ވެރިފައިކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.