އެމަނިކުފާނުގެ އާއިލާގެ އެއްވެސް ބޭފުޅަކަށް ސަރުކާރުން ވަޒީފާއެއް ދެއްވާފައި ނުވާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް ނުދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދާ "ސަންގު ބަހުސް"ގައި ވާހަކަފުޅުދައްކަވަމުން ރައީސް އެކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވީ އެކި މަގާމުތަކުގައި އާއިލީ ބޭފުޅުން ތިއްބަވާ ކަމަށް ބުނެ، ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ބަހުސްގެ މޮޑަރޭޓަރަކަށް ހުރި ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑު)، ރައީސްއާ ސުވާލުކުރަމުން ބުނީ، އިސްލާހީ މަސައްކަތުގެ ތެރެއިން އާއިލީ ވެރިކަން ނިމުމަކަށް ގެނައުމަށް ވަކާލާތުކުރެއްވި ނަމަވެސް، މިހާރު ފެންނަނީ ސަރުކާރުގެ ތެރޭގައި އެމަނިކުފާނުގެ އާއިލާ ވަރަށް ބޮޑަށް އަށަގެންފައިވާތަން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ޅިޔަނެއް ކަމަށްވާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ސެކްރެޓަރީއަކަށް ހުންނެވި ކޮއްކޯފުޅު ފާތިމަތު އިބްރާހިމް ސޯލިހު (ފާތޭ) އާއި، އަނބިކަނބަލުން ފަޒްނާ އަހުމަދާ އާއިލީގޮތުން ގުޅުން އޮންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން ކޮއްކޯފުޅުން ކަމަށްވާ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ނަން ފާހަގަކުރިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސީޕީ ހަމީދަށް ވަޒީފާ ދޭން ހުކުމް ކުރީ ކޯޓުން ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ނިޔާޒާއި ޖީހާން އިންތިހާބުވެވަޑައިގެންނެވީ ރައްޔިތުންގެ ވޯޓުން ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރުގައި އަޅުގަނޑު ވަޒީފާ ދީފައެއް ނުހުންނާނެ އަޅުގަނޑުގެ އާއިލާގެ އެއްވެސް މީހަކަށް. ކޮމިޝަނަރު އޮފް ޕޮލިސްއަށް ވަޒީފާ ދޭން ހުކުމްކުރީ ސުޕްރީމް ކޯޓުން. ދެން ތިއްބެވި ތިޔަ ވިދާޅުވި ހުރިހާ ބޭފުޅުންނަކީ ރައްޔިތުން ކުރިމައްޗަށް ގޮސް، އިންތިހާބު ކާމިޔާބުކޮށްގެން މަޖިލީހަށް ވަދެ ތިއްބެވި ބޭފުޅުން. އަޅުގަނޑާ ދޭތެރޭގައި ތިޔަ ވިދާޅުވީ ވަރަށް އިހާނެތި ބަހެއް އަޅުގަނޑު ދެކޭގޮތުގައި. އަޅުގަނޑުގެ ސަރުކާރަކު އަޅުގަނޑުގެ އާއިލާގެ އެއްވެސް މީހެއް ވަޒީފާ ދީފައެއް ނުހުންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސެކްރެޓަރީއަކަށް ހުންނެވި ފާތޭއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުން ފެށިގެން ވެސް ރައީސް އޮފީހުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި އެއީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ސަރުކާރުގައި ތިބެން ޖެހޭނެ ދުވަސްވީ ތަޖުރިބާ ހުރި ބޭފުޅުން ކަމަށްވާތީ ވަޒީފާއިން ވަކިނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އެގޮތަށް އެއްވެސް މީހަކު ވަކިކޮށްފައެއް ނުވާނެ. އެހެންވީމާ އަޅުގަނޑުގެ ސަރުކާރަކު އަޅުގަނޑުގެ އާއިލާގެ މީހަކު ވަޒީފާ ދީފައެއް އަދިއެއް ނުހުންނާނެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް ނުދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.