ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި އަނިޔާތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ގެންދެވި އިރު، އެމަނިކުފާނުގެ ހާލު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުގުޅުއްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ މީގެ ކުރިން ދެއްކެވި ވާހަކަ، ރައީސް މިއަދު ސޯލިހު ދޮގުކުރައްވައިފިއެވެ.
އީވާ ދެއްކެވި އެ ވާހަކަތައް މީގެ ކުރިން ރަައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވެސް ވަނީ ދޮގުކުރައްވައިފައެވެ. އަދި ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ރައީސް ސޯލިހާ އެކަމާ ސުވާލުކުރުމުން މިއަދު ހެނދުނު އެމަނިކުފާނު ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"އެމަނިކުފާނު ޖަރުމަނުގައި ހުންނެވި އިރުވެސް އަޅުގަނޑު ވާހަކަދެއްކިން. އަދި އިނގިރޭސިވިލާތުގައި ހުންނެވި އިރުވެސް ވާހަކަދެއްކިން. އަދި ބައެއް ކަންތައްތަކުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ވެސް އަޅުގަނޑާ ހިއްސާކުރައްވަމުން ގެންދެވި. އަދި އަޅުގަނޑަށް ފެންނަ ވާހަކަތައް ވެސް ހިއްސާކުރަމުން ގެންދިޔައިން. އެހެންވީމާ އެއީކީ އަޅުގަނޑު ދަންނަވާނީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަރުވާ ހޯއްދަވަމުން ގެންދެވި އިރު، ނަޝީދަށް ވާހަކަފުޅު ނުދެއްކެވޭ އިރުވެސް، އާއިލާ ބޭފުޅުންނާ ގުޅުއްވައިގެން ހާލު ބައްލަވަމުން ގެންދެވި ކަމަށާއި ބޭސްފަރުވާއަށް ދައުލަތުން ހަރަދުކޮށްފައި ނުވާ ކަމަށްބުނެ ދައްކަނީ ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ.
"ދައުލަތުން، ސަރުކާރުން ވެސް އެކަމަށް ހޭދަވެސް ކޮށްފައި ހުންނާނެ. އެ އެއްޗެހި ހާމަކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން. އެކަމަކު ހާމަކުރާ ގޮތަކަށް ހާމަކުރަން ޖެހޭ ބަޔަަކަށް އެކަން ހާމަކުރަން ޖެހިއްޖެއްޔާ އަޅުގަނޑުމެން ހާމަކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް، 2021 ވަނަ އަހަރުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމަށް ނަޝީދުގެ އަރިސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މީގެ ކުރިން ވަނީ ތުހުމަތުކުރައްވައިފައެވެ. އެމްޑީޕީގައި ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސް ސޯލިހުގެ ފެކްޝަނެއް އޮތް އިރު، ކުރަމުންދިޔަ އެ ތުހުމަތުތައް ސަރުކާރުން ގެންދިޔައީ ދޮގުކުރަމުންނެވެ.
ޚަބަރު
ޚަބަރު