ކުރިއަށްއޮތް ދައުރަށްފަހު ސިޔާސީ މަސައްކަތުން ރިޓަޔާކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި، ވެރިކަމަށްފަހު ދެން އެމނިކުފާނު ފެނިވަޑައިގަންނަވާނީ ކޮން މަގާމަކުންތޯ ރައީސާ ވަނީ ސުވާލު އަމާޒުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ އިތުރަށް ދެން ސިޔާސީ މަސައްކަތުން ފެނިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ސިޔާސީ މަސައްކަތުން ރިޓަޔާކުރާނަން. ސިޔާސީ އިތުރު މަސައްކަތެއް މި ދައުރަށްފަހު އަޅުގަނޑުގެއެއް ނޯންނާނެ. އެކަމަކު އަޅުގަނޑަށް ރައްޔިތުންނަށް ކޮށްދެވޭނެ ބައެއް މަސައްކަތް ހުންނާނެ، ވޮލަންޓިއާކޮށް. އަޅުގަނޑުގެ ވިސްނުމުގައި ހުރީ އެކަހަލަ ކޮންމެވެސް މަސައްކަތެއް ފަށައިގެން ރައްޔިތުންނަށް ހިދުމަތްކުރުމުގައި އަދި ދުވަސްކޮޅަކު ހުންނަން. އެއީ އެއްވެސް ހާލެއްގައި ސިޔާސީ އެއްވެސް ކަމެއްގައި އަޅުގަނޑު މި ދައުރަށްފަހުގައެއް ނުފެންނާނެ. އަޅުގަނޑުގެ ޕޮލިޓިކަލް ކެރިޔަރު އެ ހިސާބުން ނިންމާލާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެހާ ފަސޭހައިން ރިއެކްޓް ކުރައްވާ ބޭފުޅަކަށް ނުވާތީ، ކޮންމެ އެއްޗެއް ވެސް ވިދާޅުވަނީ ވަރަށް ވިސްނެވުމަށްފަހު ކަމަށާއި އެއީ ދުލުން ބޭރުކޮށްލާ ކޮންމެ އެއްޗަކީ ދެން އަނބުރާ ގެނެވޭނެ އެއްޗަކަށް ނުވާތީ ކަމަށެވެ.
"ހާއްސަކޮށް މިކަހަލަ މަގާމެއްގައި ހުންނަ އިރުގައި، އަޅުގަނޑު ބުނާ ކޮންމެ އެއްޗެއް އެއީ ލިޔެވިގެންދާނެ އެއްޗެއް. އެއިން ކަމެއްގައި ހިތަށް އަރާ އިރުގައި، މިހެންނޭ ކަންކުރާނީ ބަސްބުނެފައި މެންދުރު ބަދަލުކުރުމަކީ އަޅުގަނޑު ހިތުން އެހާ ރަނގަޅުކަމެއް ނޫން. އަދި ހާއްސަކޮށް މިކަހަލަ މަގާމެއްގައި ހުންނަ އިރުގައި. އެހެންވީމާ ކުއްލިއަކަށް އަޅުގަނޑަކަށް އެންމެ ހިތްހަމަނުޖެހުނީ، ރުޅިއައީ ކޮން ކަމަކާ ކަމެއް ދަންނަވާކަށް މިވަގުތަކު ދަންނަވާކަށް ނޭނގޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށްއޮތް އިންތިހާބުގައި ވޯޓުދޭ އިރު، މި ސަރުކާރުން ކަން ކުރި ގޮތާއި އޭގެ ކުރިން ކަންތައް ވެފައި ހުރި ގޮތަށް ވިސްނާފައި ވޯޓުދިނުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށާއި ރަށްރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު