Close
ޚަބަރު

ދިރާގު ރޯޑުރޭސްގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 5 އާއި ހަމަޔަށް އިތުރުކޮށްފި

ފަތިމަތު ލިއުޝާ

ދިރާގުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ދިރާގު ރޯޑުރޭސްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ފަސްވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ ދިރާގު ރޯޑްރޭސްގައި ބައިވެރިވުމަށް ކުރިން މިދިޔަ މަހުގެ 30 ވަނަ ދުވަހާއި ހަމައަށް މުއްދަތު ކަނޑައެޅިނަމަވެސް މިހާރު އެފުރުސަތު މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޖުމުލަ ތިން ކެޓަގަރީއަކަށް ބަހަލައިގެން ކުރިއަށްގެންދާ މި އިވެންޓް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ. މި އަހަރުގެ ރޯޑުރޭސްގައި ޖުމުލަ 12 އެންޖީއޯއަކުން ބައިވެރިވެއެވެ. ދިރާގުން ބުނީ އެންޖީއޯތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ އިވެންޓްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާނެ ކަމަށެވެ.

މި އަހަރުގެ ދިރާގު ރޯޑްރޭސްގައި، އެންމެ ދަށުން ބައިވެރި ވެވޭނީ އުމުރުން ހަތް އަހަރުގެ ކުދިންނަށެވެ. ދިރާގު ރޯޑްރޭސްގައި އެޅުމަށް ދޫކުރާ ބިބް ވެސް ދޫކުރާނީ އުމުރުން 7 އަހަރުން މަތީ، ރޭހުގައި ރަޖިސްޓްޓީވެފައިވާ ކުދީންނަށް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. މި ރޯޑްރޭސްގެ ފުރަތަމަ ދުވުން ބާއްވަން ހަމަޖައްސާފައިވަނީ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ފަތިހު 3:30 ގައެވެ. އެއީ ހާފް މެރެތޮން އެވެ.

ދިރާގު ރޯޑުރޭސް 2023ގެ 10 ކިލޯމީޓަރުގެ ދުވުންތެރިން ފަށާގަޑިއަކީ އެ ދުވަހުގެ ފަތިހު 5:30 އެވެ. އަދި 5 ކިލޯ މީޓަރު އޯޕަން ކެޓަގަރީގެ ދުވުންތެރިން ދުވުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ލިބިދާނެ އަނިޔާއަކުން ރައްކާތެރިވުމަށް، ދިރާގުން އެދެނީ ކުރިއަށް އޮތް ދެމަސްތެރޭ ރޭހުގައި ބައިވެރިވާން ބޭނުންވެވަޑައިގަންނަވާ ބޭފުޅުންނާއި ކުޑަކުދިންވެސް ދުވުމަށް ތައްޔާރު ވުމަށެވެ. އަދި އެއްވެސް ވަރަކަށް ރޭހަށް ތައްޔާރު ނުވެ ދުވުމުގައި ބައިވެރި ނުވުމަށްވެސް އެ ކުންފުނިން އެދެއެވެ.

ދިރާގު ރޯޑްރޭސް އެންމެ ފުރަތަމަ ފެށީ 2007 ވަނަ އަހަރުގައެވެ. ބައިވެރީންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދާތީ، މިހާރު އެ ރޭހުގެ ބައިވެރިންގެ އަދަދު 4000 ވަނީ ދަށްކޮށްފައެވެ. މި އަހަރުވެސް ދިރާގު ރޯޑުރޭސްގައި ވަނަވަނައަށް ބައިވެރީންނަށް އިނާމު ދިނުމަށް ހަމަޖހެިފައިވެއެވެ. މި ފަހަރުގެ ދިރާގު ރޯޑު ރޭސްގައި 2 ލައްކަ ރުފިޔާގެ ފައިސާގެ އިނާމު 5 އެންޖީއޯ އަކަށް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.