ކޮލެޖު އަދި ޔުނިވާސިޓީގެ ދަރިވަރުންނަށް އެމްޓީސީސީގެ ބަހާއި ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދައިފިއެވެ.

އެމްޓީސީސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ފަރާތުން މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ދެމުން އަންނަ އަންމު ބަހުގެ ހިދުމަތާއި މާލެ ސަރަހައްދުގައި ދެމުން އަންނަ ވިލިމާލެ އަދި ހުޅުމާލެ ފެރީ ހިދުމަތުގައި ގްރޭޑް 12 އިން މައްޗަށް ތައުލީމު ހާސިލުކުރަމުން ގެންދާ ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ކޮލެޖް/ ޔުނިވާސިޓީން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން މާދަމާ އިން ފެށިގެން ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީ ބަހުގައި މިހާރުވެސް ޔުނީފޯމް އަދި އެކްޓިވިޓީ ޔުނީފޯމްގައި ތިބޭ ސްކޫލް ދަރިވަރުންނަށާއި ތިން އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވެއެވެ.