- ޅ. އޮޅުވެލިފުށިން އަލީ ރިފްޝާން
ރިޔާސީ އިންތިހާބުގެ ވޯޓު މިއަދު ނެގިޔަސް، އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ފުރިހަމަ އަދި ރައްޔިތުންނަށް ފައިދާވާނެ މެނިފެސްޓޯއެއް ހިފައިގެން ނުކުމެވަޑައިގެން ހުންނެވި ހަމައެކަނި ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ.
"އަޅުގަނޑަށް ދެވުނު ކޮންމެ އަތޮޅަކުން، ކޮންމެ ރަށަކުން ފެންނަ މަންޒަރަކީ އެކީއެކީގައި އެއްބުރުން މިކަން ނިންމަން ތައްޔާރަށް ތިބި ތަން. މިއަދު ވޯޓު ނެގިޔަސް، އެއްބުރުން ކާމިޔާބުކުރާނަން. މާދަމާ ނެގިޔަސް، އެއަށްވުރެ ބޮޑުވާނެ. އަދި ނުވައެއް ސެޕްޓެމްބަރުގައި ވޯޓު ނަގައިފި ނަމަ، މާ ބޮޑު ތަފާތަކުން ނަގާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުން ވަމުން އަންނަ ވައުދުތަކާ ދޭތެރޭ ރައްޔިތުން ވިސްނަން ޖެހޭ ކަމަށާއި އެ މަނިކުފާނު ވައުދެއް ވުމުން، ދެން ތިބޭ ކެންޑިޑޭޓުން ވައުދުވަނީ އެއަށް ކުޑަ ބަދަލެއް ގެނައުމަށްފަހު ކަމަށެވެ. ބައެއް ކެންޑިޑޭޓުންނަށް މިހާރު ހިންގަމުން އަންނަ މަޝްރޫއުތައް ވެސް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަ ޕަސަންޓަށްވުރެ ކުޑަ އިންޓަރެސްޓެއްގައި ލޯނު ދޭނަމޭ ބުނެފި ނަމަ، އެއަށް ކުޑަ ބަދަލެއް ގެނެސްފައި ވާދަވެރިން މި ވައުދުވަނީ ފަސް ޕަސެންޓަށް ކުޑަކޮށްލާފައި. އަޅުގަނޑުމެން ރޯދަމަހުގެ ފަހު ދިހައެއްގައި މުވައްޒަފުންނަށް ލުއިދޭނަމޭ ބުނެފިއްޔާ، އެބޭފުޅުން މި ބުނަނީ ދިހަ ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާނަމޭ. މި ޒަމާނުގެ ޖެންޒީގެ ކުދިން ތަސައްވަރު ކުރާ ގޮތް އެއީ. ބައެއް ބޭފުޅުން އެއާޕޯޓު އަޅައިދޭނަމޭ ބުނާ އިރު، އެ ރަށްރަށުގައި އަންނަނީ އެއާޕޯޓު އެޅުމުގެ މަސައްކަތްކުރަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އޮޅުވެލިފުއްޓަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް ރޯހައުސް ނުވަތަ ފުލެޓު އެޅުމާއި ގެދޮރު އެޅުމަށް ލޯނު ދޫކުރުމާއި މި ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކައި، ޕިކްނިކް އައިލެންޑެއް ހަދައިދިނުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު