ޅ. ހިންނަވަރުގެ އިހުތިސާސްގެ ދަށަށް އެ އަތޮޅު ގާއެރިފަރު އަދި އއ. މަތިވެރީގެ އިހުތިސާސްގެ ދަށަށް މަތިވެރި ފިނޮޅު ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެ ދެ ރަށުގެ އިހުތިސާސްތަކުގެ ތެރެއަށް ދެ ރަށް އިތުރުކުރެއްވުމަށް ނިންމަވައި ރައީސްގެ ގަރާރު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރީ އިއްޔެވެ.

ގާއެރިފަރަކީ 3.3 ހެކްޓަރުގެ ފަޅެކެވެ. އެ ފަޅު 2016 ވަނަ އަހަރުން ފެށިގެން ވަނީ އަމިއްލަ ފަރާތަކަށް ދޫކޮށްފައެވެ. އެރަށް އޯޝަން ކޯޓިއާ ޕްރޮޕަޓީސް ލިމިޓެޑް ކިޔާ ކުންފުންޏަކަށް މެރިކަލްޗާ އާއި އެކުއަކަލްޗާ މަސައްކަތް ކުރަން 21 އަހަރަށް އޮތީ ދޫކޮށްފައެވެ.

މަތިވެރި ފިނޮޅަކީ ތިން ހެކްޓަރުގެ ފިނޮޅެކެވެ. އެ ފިނޮޅު އޮންނަނީ ރިސޯޓެއް ތަރައްގީ ކުރުމަށް އަމިއްލަ ބަޔަކަށް 2014 ވަނަ އަހަރުން ފެށިގެން 50 އަހަރަށް ދޫކޮށްފައެވެ.

މީގެ ދެ ހަފުތާ ކުރިން ރައީސް ސޯލިހު ވަނީ ރިޔާސީ ކެމްޕެއިނަށް މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި މަތިވެރި ފިނޮޅު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މަތިވެރީ ފިނޮޅަކީީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ކުއްޔަށް އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންސީސް ކިޔާ ކުންފުންޏަކަށް ދޫކުރި ރަށެކެވެ. ފަހުން އެރަށުގެ ހިއްސާތައް ގަތީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.