ކުޅުދުއްފުށި ސިޓީ އާއި ގދ. ތިނަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްއާއެވެ. މި ދެ ރަށުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތަކެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ މި ދެ ހޮސްޕިޓަލްގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ދެ އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ. މި މަޝްރޫއުގެ އަގަކީ 38 މިލިއަން ޑޮލަރު (586 މިލިއަން ރުފިޔާ) އެވެ.

ހެލްތް މިނިސްޓްރީގައި އިއްޔެ ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި މި ދެ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެކްޒެކެޓިވް އަބްދުލް ހައްނާން ހުސެއިނެވެ. އަދި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޑް ޖިންހުއިއެވެ.

ކުޅުދުއްފުއްޓާއި ތިނަދޫގެ ހޮސްޕިޓަލަކީ އަތޮޅުތަކުގެ ތެރެއިންވެސް ނިސްބަތުން އެންމެ ގިނަ ބަޔަކު ސިއްހީ ފަރުވާ ހޯދަންދާ ދެ ހޮސްޕިޓަލެވެ.

މި ސަރުކާރުގެ މުހިންމު ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ސިއްހީ ހިދުމަތްތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް ނިންމާފައިވެއެވެ. އެއީ ކުޅުދުއްފުއްޓާއި ތިނަދޫގެ އިތުރުން ރ. އުނގޫފާރާއި އައްޑޫ އަދި ލ. ގަމުގައެވެ. އޭގެ ތެރެއިން އައްޑޫގެ ޓާޝިއަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި 2020 ގައި ވަނީ އެތަން ހުޅުވައިފައެވެ.