- ލ. މާމެންދޫން އަލީ ރިފްޝާން
އަންނަ ދައުރުގައި އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ ރަށްރަށުގެ މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް މަގުތައް ހެދުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހަވީރު ލ. މާމެންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ރަށުގެ މަގުތައް ވެސް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށެވެ.
"ވިއްސާރަ ވެއްޖެއާ މި ރަށުންވެސް މި ފެންނަނީ ފެން ބޮޑުވާ މަންޒަރު. އަޅުގަނޑުމެން އަންނަ ދައުރުގައި ކުރާނެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ރަށްރަށުގެ މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް މަގުތައް ހެދުން. އެގޮތުން މި ރަށުގެ މަގުތައްވެސް ހަދައިދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާމެންދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ. އަދި އެކަމަށްޓަކައި އަންނަ ދައުރުގައި މި ރަށުގެ ބިން ހިއްކާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބިން ހިއްކައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށްޓަކައި މި ރަށުގައި ފުލެޓް ނޫނީ ރޯހައުސް އަޅައިދޭނަން. އަދި ބިން ހިއްކިގެންދާ އިރުގައި، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރެވިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި މަސްވެރިކަމަށް އިހުމާލުވެފައިވުމުގެ ސަބަބުން އެ ސިނާއަތް ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތައް ކުރަން އެބަހުރި ކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ ވަގުތީ ހައްލަކަށްވުރެ ބޮޑަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. އަދި އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި މަސްވެރިންގެ ސިނާއަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު