މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑިޝަލް އެލަވަންސް ހަމަހަމަ އުސޫލަކުން ދިނުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން، ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް، އަސާސީ މުސާރައިގެ 35 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ބޮޑުވި އެލަވަންސް މި ހިނގާ އޮގަސްޓް މަހުން ފެށިގެން މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒިފުންނަށް ލިބިގެންދާނެ ކަމަށް ބުންޏެވެ.

"މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު މި ބަދަލަކީ، 2015 ވަނަ އަހަރަށްފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް މިފަދަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ. އަދި މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ ތިރީސްފަސް ޕަސެންޓް ލިބެމުންދިޔައީ 187 މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 11 މެޖިސްޓްރޭޓް ކޯޓަށް،" ޑީޖޭއޭ އިން ބުންޏެވެ.

އެ ޑިޕާޓްމަންޓުން ބުނީ، މި ގެނައި ބަދަލާއެކު ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ ތިރީސްފަސް ޕަސެންޓް ހަމަޖެހި، 800 އަށްވުރެން ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.