ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ރިޔާސީ ބަހުސްގައި ބައިވެރިނުވާން އުޅުއްވާ ކަމަށް ބުނެ އިދިކޮޅު ބައެއް ޕާޓީތަކުން ގެންދަވަނީ އެ މަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، މީޑިއާތަކަށް އަރައި އިސްތިހާރު ވުމަށްޓަކައި ކުރާ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވުރެ ރައްޔިތުން ގާތަށް ވަޑައިގަތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އެމްއެންޔޫ ބަހުސްގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހަމަ އެބަ ކޮންފާމް ކޮށްދެއްވާ ރައީސް ސޯލިހު އެމްއެންޔޫ ބަހުސަށް ވަޑައިގަންނަވާނެކަން. އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް. ޔުނިވަސިޓީތަކުގައި އިލްމީ ގޮތުން އެ ބޭފުޅުން ވާހަކަދައްކަވައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ،" މާރިޔާ ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އަހަރެވެ.