ރާއްޖޭގައި ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭއިން ކުރިއަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ހިދުމަތް އިފުތިތާހުކޮށްފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި ހަފުލާއެއްގައި 'ފަވަރަ'ގެ ނަމުގައި މި ސިސްޓަމްގެ ހިދުމަތްތައް އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ފަވަރައިން ހިދުމަތް ދިނުމުގެ ފުރަތަމަ މަރުހަލާގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ ތިން ބޭންކެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އެވެ. އެހެންކަމުން މި ވަގުތު އެ ހިދުމަތް ލިބޭނީ މި ތިން ބޭންކުގެ މެދުގައި ހިންގާ މުއާމަލާތް ތަކަށެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތްކަމުގައި ވީނަމެސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ނަމުގައި ރާއްޖެއަށް މުޅިން އަލަށް ދެ ހިދުމަތެއް ވަނީ ތައާރަފުކޮށްފައެވެ.
ފަވަރަ އައިޑީން ޕޭމަންޓް ހެދުމަށް އެކައުންޓް ނަންބަރު ބޭނުންކުރުމުގެ ބަދަލުގައި ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ފަދަ ހަނދާނުގައި ބަހައްޓަން ފަސޭހަ އައިޑީއެއް ބޭނުންކޮށްގެން ފަސޭހަ ކަމާއެކު އެކަކު އަނެކަކަށް ފައިސާ ފޮނުވާލުމުގެ މަގު ފަހިކޮށްދެއެވެ.
ފަވަރަ ރިކުއެސްޓުން، ފައިސާ ލިބެންވާ ފަރާތުން ފައިސާ ދައްކަންޖެހޭ ފަރާތަށް ޕޭމަންޓް ރިކުއެސްޓެއް ފޮނުވާލެވެއެވެ. މި ހިދުމަތުން ވަކިވަކި ފަރުދުންނަށްވެސް އެކި ފަރާތްތަކުގެ މެދުގައި ފައިސާއަށް އެދި ރިކުއެސްޓު ފޮނުވެއެވެ. އަދި ވިޔަފާރިތަކަށްވެސް ކަސްޓަމަރުންގެ އަތުން ފައިސާ ބަލައިގަތުގުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ފަވަރަ މެދުވެރިކޮށް ދެވޭ ހުރިހާ ހިދުމަތްތަކެއްވެސް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދޭނީ އެ ފަރާތަކުން އެކައުންޓް ނުވަތަ ވޮލެޓް ހުޅުވާފައިވާ ބޭންކުތަކާއި ޕޭމަންޓް ހިދުމަތް ދޭ ފަރާތްތަކުންނެވެ. އެގޮތުން އެ ފަރާތްތަކުގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ ހިދުމަތެއްވެސް ލިބޭނެއެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި، މި ވަގުތު ފަވަރަ ޓްރާންސްފާ އެއް ކުރެވޭނެ އެންމެ މަތީ އަދަދު ކަމުގައި ކަނޑައަޅާފައި ވަނީ 50،000 ރުފިޔާއެވެ. އަދި ފަވަރަ ރިކުއެސްޓެއް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ.
ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ހިދުމަތް އެއް ބޭންކެއްގެ އެކައުންޓްތަކުގެ މެދުގައްޔާއި ދެ ބޭންކެއްގެ ދެމެދުގައި ކުރާ ހުރިހާ މުއާމަލާތްތަކަށް ލިބިގެންދާނެއެވެ. ނަމަވެސް ބީއެމްއެލްގެ ކަސްޓަމަރުންނަށް އެ ބޭންކުގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމަލާތްތަކުގައި ފަވަރަ ރިކުއެސްޓްގެ ހިދުމަތް ނުދިނުމަށް އެ ބޭންކުން ވަނީ ނިންމައިފައެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، ފަވަރަ މެދުވެރިކޮށް ކަސްޓަމަރުންނަށް ޒަމާނީ އަދި އީޖާދީ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފު ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނާއި ޕޭމަންޓް ހިދުމަތް ދޭ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަގުސަދުގައި، ބޭންކް ނޫން ޕޭމަންޓް ހިދުމަތް ދޭ ފަރާތްތަކަށްވެސް މި ސިސްޓަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު