ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލި މައްސަަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ޕްރޮސިކުއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނެފިއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަންއިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)އެވެ. އެ އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު، "ވަން" އަށް މިއަދު ވިދާޅުވީ، ނައީމާ މަރުގެ މައްސަލައިގައި ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށެވެ.

ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލައެއްގައި ދައުވާ ކުރުމުގެ ކުރިން ތަހުގީގީ އިދާރާތަކުން ހޯދިފައިވާ ހެކިތަކާއި ތަހުގީގުގެ އެހެނިހެން މައުލޫމާތު ބަދަލުކޮށް ޕީޖީ އޮފީހުގެ ގާނޫނީ ލަފާ ހޯދުމެވެ.

"ބައެއް ފޮރެންސިކް ތަހުލީލުތަކުގެ ނަތީޖާ އާއި އިތުރު ހެކި ހޯދަން ހުރުމުން ތަހުގީގު މުޅިން ނުނިމޭ" ޝަފީއު ވިިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، އެ މައްސަލަ ތަހުގީގު ފުރިހަމަވުމުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަށް ދައުވާ ކުރާނެ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާތާ މިހާރު ހަތަރު މަހާއި 20 ދުވަސްވެފައިވާއިރު، ޕީޖީ އޮފީހުން ގެންދަނީ ތަހުގީގުގެ މުއްދަތު ފުލުހުންނަށް ކޮންމެ 15 ދުވަހަކުން އިތުރުކުރަމުންނެވެ.

"ވަން" އެނގިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް ވަދެފައިވަނީ އަހުޒަމްއެވެ. ފާރައަށް ރިފާޝް ހުރި އިރު، އެ ދެ މީހުން އަރުވައިގެން ނައީމާ ގެއަށް ގެންގޮސްދިން ކާރު ދުއްވަން އިނީ ފަވާޒްކަންވެސް އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުގައި ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެފައެވެ.

ފުލުހުން ވަނީ އަހުޒަމްވި ކުށަށް އިއުތިރާފުވެ، ކިޔައިންދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މޯޓިވްއާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މަނަދޫން "ވަން" އަށް މައުލޫމާތު ދިން މީހުން ބުނެފައިވަނީ އެ މަރަކީ ސިހުރާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އޭނާގެ އާއިލާއިންވެސް ތުހުމަތުކުރާ ކަމަށެވެ. ނައީމާއަކީ އެހާ ތަނަވަސް މީހަކަށް ނުވާތީ ފައިސާގެ ބޭނުމުގައި މަރާލާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.