ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން، ދުނިޔެ މިސާލު ޖަހާފަދަ "ސްމާޓް ނޭޝަން" އަކަށްވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފިއެވެ.
އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާހުކޮށްދެއްވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަފުލާގައެވެ.
މި ހަފުލާގައި ނައިބު ރައީސް ފައިސަލް ވަނީ ދުނިޔެއަށް އަންނަ ބަދަލުތަކާ ފައިހަމަކުރުމަށް ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލު ފާހަގަކުރައްވައި އެބަދަލުގެ ސަބަބުން ގައުމަށް ކުރާނެ ފައިދާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ދުނިޔެއަށް އަންނަ ބަދަލުތަކާ ފައިހަމަކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ ކަން ފާހަގަކުރައްވައި އެކަންކަމުން ކުރިއަރައިދިއުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރޭގެ ޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ވަރަށް އީޖާދީ މަސައްކަތްތެރި ޒުވާނުން ތިބިކަން ފާހަގަކުރައްވާފައެވެ. އެފަރާތްތަކުން އިގްތިސޯދީ ބަދަލު ގެނެސް އިގްތިސާދު ދެގުނަކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފުޅާކުރުމަށް، ރާއްޖޭގެ އިގްތިސޯދު އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފައެވެ.
ނައިބު ރައީސް ވިދާޅުވީ ގައުމު ބިނާވެގެންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް އެންމެން ގުޅިގެން ކޮށްގެންކަމުގައެވެ. ގައުމެއް ތަރައްގީ ކުރުމަށް އާބާދީ ކުޑަކަމަށް ނުބަލައި ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އީޖާދީ ވިސްނުންގެނެސް ގައުމަށް ބޭނުންވާނެ ހުރިހާ ދާއިރާއަކުން މަސައްކަތްކުރުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު ގައުމަށް ޓަކައި އެކި ދާއިރާތަކުން ވިސްނުން ބަހައްޓައި ގައުމު ތަރައްގީކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
"ފަވަރަ" މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ޕޭމަންޓް ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވެ، އެ ހިދުމަތްތައް އެންމެންނަށް ވެސް ލިބިގެންދާނެއެވެ. މި ސިސްޓަމްގެ ފްލެކްސިބަލް ޑިޒައިންގެ ސަބަބުން ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ފައިސާ ދެއްކުމުގެ ހިދުމަތް ކުރިއަށް ގެންދިއުމާއި އެކްސެސް ކުރުމަށް ފަސޭހަވެގެންދެއެވެ. ހަމަ އެއާއެކު ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމުގައި އިތުރަށް ލުއިފަސޭހަ ވެގެންދާނެއެވެ. މި ސިސްޓަމް ގާއިމުކުރުމުން ފިންޓެކް އަދި އީ-ކޮމާސްގެ ހިދުމަތްތަކަށް މަގުފަހިކޮށްދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު