އިންޑިއާގައި ރޭލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ނުވަ މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ މަދޫރާއީ ސިޓީގައި ޕާކުކޮށްފައި އޮތް ރޭލުގައި ފަސިންޖަރަކު ގެންގުޅުނު ކާއެއްޗެހި ބަންދުކުރާ ޑިވައިސްއެއް ގޮވައިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހާދިސާ ހިނގި ވަގުތު ރޭލުގެ އެބައިގައި 50 އަށްވުރެން ގިނަ މީހުން ތިބިކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ސަލާމަތްވި ބައެއް މީހުން ވަނީ ރޭލުގެ ކުޑަދޮރުތައް ތަޅާލައި ރޭލުން ފުންމާލާފައެވެ.

އިންޑިއާގެ ރޭލުތަކުގައި ގޭސް ސިލިންޑަރު އުފުލުމަކީ މަނާކަމެކެވެ. އަލިފާން ރޯވާން ދިމާވި ހާދިސާ ހިނގުމާއެކު ތަހުގީގު ފަށާފައިވާއިރު އެކަމަށް މެދުވެރިވި ސަބަބު ހޯދައި އެކަމުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގައި ރޭލުގައި އަލިފާން ރޯވި ހާދިސާ ހިނގާފައި މިވަނީ އެ ގައުމުގައި މިދިޔަ ޖޫން މަހު ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓުގައި 275 މީހުން މަރުވި ހާދިސާއަށް ފަހު ރޭލު ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅުގައެވެ.