އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި 3،000 ޓަނުގެ ފެން އުފެއްދޭ އިތުރު އާރްއޯ ޕްލާންޓެއް ބަހައްޓައި ފެން އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ފައްޓަވައިދެއްްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ސީނިޔާ މެނޭޖްމަންޓް ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި ހުޅުމާލޭގައި ބެހެއްޓި އާރްއޯ ޕްލާންޓުން ދުވާލަކު 3,000 ޓަނުގެ ފެން އުފެއްދޭނެއެވެ. އެއާއެކު، ހުޅުމާލޭގައި ދުވާލަކު ފެން އުފެއްދޭ މިންވަރު ކުރިއާ އަޅަައި ބަލާއިރު އެތައް ގުނައެއް އިތުރުވެ، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، މާލޭ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީއަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިންކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގެ އޮޕަރޭޝަން ސެންޓަރު ޑިސެންޓްރަލައިޒްކޮށް، ފެން އުފައްދަމުން އަންނަ މައި އިމާރާތުގެ އިތުރުން، ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ބަހައްޓައި ފެން އުފައްދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމަށްޓަކައި، ބްރިޖު މެދުވެރިކޮށް ހޮޅި ލައިން އެޅުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، މާލޭ އެސްޓީއޯގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތާއި ހުޅުމާލޭގައި ހުންނަ އެމްޑަބްލިޔުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައި 10,000 ޓަނުގެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ޝާހު ފާހަގަކުރެއްވިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ބޯފެން ހުރިހާ ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު