ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު "ވަން" އަށް ބުނީ އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަލްހާން ފުރުން މާނާ ކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.
އަލްހާން ވަނީ ކޯޓުން ނެރެފައިވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ޓްވިޓާގައި އާންމުކުރައްވައިފައެވެ. އެ އަމުރުގައިވާ ގޮތުން އަލްހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާގެ ހިއްސާ އޮންނަ ކިންގްސް ކުންފުނި ރާއްޖޭގެ މާލީ ގާނޫނާއި ގަވާއިދާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
ފުލުހުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށް އެދުނީ އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ، ތަހުގީގަށް ހުރަސް އެޅިދާނެތީއެވެ. އަދި އަމުރަކަށް އެދުނީ އޭނާއަކީ ރާއްޖެއިން ބޭރަށް ދިއުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތަކަށްވާތީ އާއި އޭނާ ރާއްޖޭން ފުރައިގެން ގޮސް އެނބުރި ރާއްޖެ ނައިސްފާނެ ކަމަށް ބެލެވޭތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޮގަސްޓް 23 އިން އަންނަ އަހަރުގެ ފެބުރުއަރީ 23 އަށެވެ. އެގޮތަށް އަމުރު ނެރުއްވާފައިވަނީ ކުރިމިނަލް ކޯޓުގެ އިސްގާޒީގެ އާދަމް މުހައްމަދެވެ.
ޕޮންޒީ ސްކީމުން ލިބުނު ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކޮޮށް އެ މައްސަލައިގެ ތަހުގީގަށް އަލްހާން ވަނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ. އެ މައްސަލަ ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށްވެސް ފޮނުވައިފައެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއް ދަށުން ކިންގްސް ކުންފުނީގެ އޮފީސް ބަލައި ފާސްކޮށްފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުވެސް ހިފެހެއްޓިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު