ގުޖުރާތު މީހަކު ''ޗަންދްރިއާން-3''ގެ ލޭންޑިން މޮޑިއުލް ޑިޒައިންކުރި ކަމަށް ދައުވާ ކުރުމުން ތަހުގީގު ފަށައިފިއެވެ.

އިންޑިއާގެ ގުޖުރާތަށް އުފަން މިޓުލީ ތުރީވެދީ ވަނީ އެ ގައުމުގެ ޖައްވީ ދިރާސާއާއި ބެހޭ އިދާރާއިން ހަނދުގައި ދިރާސާތަކެއް ކުރުމަށް ހަނދަށް ފޮނުވާލި ''ޗަންދްރިއާން-3''ގެ ލޭންޑިން މޮޑިއުލް އަކީ އޭނާ ޑިޒައިން ކުރި އެއްޗެއް ކަމަށް ބުނެ އެ ގައުމުގެ ނޫސްތަކަށް އިންޓަވިއު ދީފައެވެ.

މިޓުލީ ވަނީ އޭނާ ކުރިން މަސައްކަތް ކުރީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގައި ސައިންޓިސްޓެއްގެ ގޮތުގައި ކަމަށްވެސް ބުނެފައެވެ.

ގުޖުރާތުގެ ސުރަތުގެ ފުލުހުންގެ ކޮމިޝަނަރު އަޖޭ ތިމާރު ވަނީ އެ އިދާރާގެ ކްރައިމް ބްރާންޗުން މިކަމުގެ ހާއްސަ ތަހުގީގެއް ހިންގައި ހަގީގަތް ހޯދުމަށް އަމުރުކޮށްފައެވެ.

މިޓުލީ އޭނާގެ ވާހަކަތައް އެ ގައުމުގެ ނޫސްތަކުގައި ހިއްސާ ކުރިނަމަވެސް އެކަމުގެ އެއްވެސް ކަމެއް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ހާމަކޮށްފައި ނުވާކަމަށް ނޫސްތަކުން ބުނެއެވެ.

މިޓުލީ ވަނީ އޭނާއަށް ޖައްވީ އިދާރާއިން ދައުވަތު ދިނުމުން ހަނދުގެ މިޝަންގައި ބައިވެރިވެ އޭގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް ދައުވާކޮށްފައެވެ އަދި އޭނާގެ ޑިޒައިންގެ ސަބަބުން އެ އުޅަނދު އެއްވެސް ނުރައްކަލެއް ކުރިމަތި ނުވެ ހަނދަށް ތިރިކުރިކަމަށް ބުނެފައެވެ.