ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިންތައް ކޮންޓްރޯލް ނިޒާމެއްގެ ތެރެއިން ކުއްޔަށް ދޫކުރެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުގައި އެބަ އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ، ސަބްސިޑައިޒް ކޮށްގެން ކުޑަ ކުލީގައި ސަރުކާރުން ފްލެޓް ދޫކުރަނީ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށާއި އެއީ އެތަން ކުއްޔަށް ދީގެން މުއްސަނދިވާން ނޫން ކަމަށެވެ.
އެހެންކަމުން ފްލެޓްތައް ލިބޭ މިހުން، އެ ތަން ކުއްޔަށް ދޭ ނަމަ، ކޮންމެވެސް މިންގަނޑެއްގެ ތެރެއިން އެ ކަން ކުރެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުމުގެ ވިސްނުމެއް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި އެބަ އޮތް ސަރުކާރުން ސަބްސިޑައިޒް ކޮށްގެން، ސަރުކާރުން ކުޑަ، ލުއި ގޮތަށް ދޫކުރާ ފްލެޓްތަކުގައި އެ ދިން ފަރާތް ނޫން އެހެން ފަރާތެއް ދިރިއުޅޭ ކަމަށްވާ ނަމަ، ކުއްޔަށް ދޭ ކަމަށްވާ ނަމަ، ކޮންމެވެސް މިންގަނޑެއްގެ ތެރޭގައި އެ ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރަން. ކުޑަ އަގުގައި ފްލެޓް ދެނީ އެ ބަޔަކު މުއްސަނދިވާކަށް ނޫން. ރައްޔިތުންގެ ޓެކްސް ފައިސާގައި އެ ކަންކަން ކުރަނީ، އެ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދޭން. އެ ބޭފުޅުން އެ އާމްދަނީއެއްގެ ގޮތުގައި ބަދަލުކުރާ ނަމަ، އެ ފުރުސަތުވެސް އޮންނާނެ. އެހެން ނަމަވެސް ބޯހިޔާވަހިކަމެއް ނެތިގެން އެ ތަނަށް ވަންނަ މީހާއަށް ދައްކަންޖެހޭ އެއްޗަކީ ކޮންމެވެސް ކޮންޓްރޯލް ނިޒާމެއްގެ ތެރޭގައި ވާންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދެވަނަ ދައުރެއް ލިބިއްޖެ ނަމަ، ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ހުރިހާ އެންމެންނަށް ފައިދާވާ ގޮތަކަށް އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
ކުލި ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ ސޯޝަލް ހައުސިންގެ ތެރެއިން ކުލީގެ މައްސަލައަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މާލޭގައި މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކުގެ ކުލި ކޮންޓްރީލް ކުރުމަކީ ވިޔަފާރީގެ އުސޫލާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު