''އެކަނިތަ ދަނީ؟...'' ނާލާ އެހިއެވެ.
''ނޫން!، ޔަޝްފީއާއެކުގަ ދަނީ...'' ރުހައިމް ޖަވާބު ދިނެވެ.
''ޔަޝްފީ؟...'' ނާލާއަށް އަހާލެވުނެވެ.
''ހޫމްމްމް، ނާލާއާ ބައްދަލުވިއެއްނު އެންމެފަހުން ކޮމްޕެނީގެ އަހަރީ ދުވަސް ފާހަނގަކުރަން ބޭއްވީ ހަފްލާ ތެރޭން... މިހާރު އެސިސްޓެންޓް މެނޭޖަރަކަށް އުޅެނީ...'' ނާލާއަށް އޮޅުންފިލުވައިދޭން ރުހައިމް ބުނެދިނެވެ.
ރުހައިމްގެ ޖުމްލައާއެކު ނާލާއަށް ވިސްނާލެވުނެވެ. އޭނަގެ ހަނދާންތައް ދަތުރުކުރީ މީގެ މައްސަރެއް ކުރިން ދަރުބާރުގޭގައި އޮތް ހަފްލާ އަށެވެ. އެހަފްލާ ތެރޭން ރުހައިމްއާއެކު މަސައްކަތްކުރާ އެންމެނާ އޭނަ ވަނީ ބައްދަލުވެފައެވެ. އެހުރިހާ އެންމެންގެ ތެރޭން ވެސް އޭނަގެ ސަމާލުކަން ދެވުނު ފަރާތަކަށް ޔަޝްފީ ވިއެވެ. ހިތްހެޔޮ އޯގާތެރި މިޒާޖެއްގެ އަންހެންކުއްޖެއްކަން ފާހަގަ ކުރެވުނީތީއެވެ. ހަފްލާގެ މެހެމާނުންގެ ތެރޭގައި ބީރައްޓެހިކަމުގެ އިހުސާސްކުރެވެމުން ދަނިކޮށް އެކުވެރިކަމުގެ ހިނިތުންވުމަކާއެކު އޭނައާ ވާހަކަދެއްކީ ވެސް ޔަޝްފީއެވެ. އެހާ ފަސޭހައިން ހަނދާންކުރެވުނީ ވެސް އެހެން ވެއެވެ.
ޔަޝްފީގެ މަކަރުވެރިކަމާއި ހީލަތްތެރިކަން ނާލާއަށް ފާހަގަ ނުކުރެވުނީ ހަޤީޤަތް ލޯތަކަށް ސިއްރުކުރުމުގައި ޔަޝްފީ ހޯދާފައިވާ ކުޅަދާނަކަމުންނެވެ. އޭނަ އެރޭގައި ނާލާއާ ވާހަކަދެއްކީ ކޮންމެހެން އެކުވެރިކަމުގެ ނިޔަތުގައެއް ނޫނެވެ. ހިތުގައި ފޮރުވިފައި އޮތް ނުބައި މަޤްސަދަކަށް ދިރުން ހޯދުމަށެވެ. ނާލާއާއި ރުހައިމްގެ ދެމެދުގައި އޮތް ލޯބި އިމްތިހާނުކުރާނެ ރަނގަޅު ފުރުސަތެއް ފަހިކުރުމަށެވެ. ދެމަފިރިންގެ ދެމެދުގައި އޮތް ސާފު ލޯބި ޒަހަރަށް ބަދަލުވެ، ރުހައިމް އޭނައަށް ހާސިލުވާނެ ފަދަ ރާސްތާއެއް ހޯދުމަށެވެ. ތިމާގެ ދުޝްމަނު ދެނެގަތުމަކީ ޝިކާރަ ކުރުމުގައި އެންމެ މުހިންމު ކަންތަކެވެ. ބަލިފައި ދެނެގަނެވޭނީ އޭރުންނެވެ. އެންމެ ބައްދަލުވުމަކުން ވިޔަސް ނާލާގެ މިޒާޖު ޔަޝްފީ ދަސްކުރިއެވެ. ފޮނި ވާހަކަތައް ދައްކައިގެން އޭނަގެ ޝަހުސިއްޔަތު ނާލާގެ ނަޒަރުގައި ވަރުގަދަ ކުރިއެވެ. ފަހުން އޭނަ ދޭނެ ހަމަލާއަށް ތައްޔާރުވެލުމަށެވެ.
''ހަނދާންވެއްޖެ... ރުހައިމް ޑިރެކްޓާރސްއާއެކު ދާން ޖެހިގެން އަހަރެން އެކަނިވެފަ ހުއްޓާ އައިސް ވާހަކަ ދެއްކި ކުއްޖާދޯ؟، ވަރަށް ހިތްހެޔޮ ކުއްޖެއް އެއީ… ރުހައިމްއަށް އެނގެއެއްނު އަހަންނަކީ އެހާ ފަސޭހައިން ނުދަންނަ މީހުންނާ ވާހަކަދައްކާ މީހެއް ނޫންކަން، އެކަމަކު އެދުވަހު ޔަޝްފީގެ ފަރާތުން ފެނުނު އެކުވެރިކަމުން ވާހަކަދައްކަން ފަސޭހަވި، އެދުވަހަށް ފަހު ބައްދަލެއް ވެސް ނުވޭ ވިއްޔާ...'' ނާލާ ބުންޏެވެ. ''އެކޮޅުގަ ކިތައް ދުވަސް ވާނެތަ؟... ރުހައިމް ދިޔައީމަ އަހަރެން ވަރަށް ފޫހިވާނެ...''
''މާ ގިނަ ދުވަހެއް ނުވާނެ، ގިނަ ވެގެން ވެސް ހަތަރުވަރަކަށް ދުވަސް ވާނީ... ފޫހިވާންވީ ކީއްވެގެންތަ؟، ނާލާގެ ހިތްހަމަޖެހޭނެ ވަރުކޮށްދީފައޭ އަހަރެން ދާނީ...'' ސަމާސާ ރާގަކަށް ރުހައިމް ބުނެލިއެވެ. އެއާއެކު ރުހައިމްގެ ބުރަކަށީގައި ނާލާއަށް ބޮނޑިއެއް އަޅާލެވުނެވެ. އަދި ރުހައިމްއާ ދިމާއަށް ލޯއަޅާލެވުނެވެ. ސައިކަލުގެ އަރިމަތީ ލޯގަނޑުން ނާލާއަށް އަވަސް ނަޒަރެއް ދިން ރުހައިމްގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.
''ކޮންމެ ކަމެއް ވެސް ޑާޓީ ކުރަން ޖެހޭނެ...'' ތުން އަނބުރާލަމުން ނާލާ ބުނެލިއެވެ.
''އަހަރެން ބުނި އެއްޗެއް ޑާޓީ ކުރީ ނާލާ އެއްނު؟، އަހަރެން ބުނަން އުޅުނީ އެކީގަ ވަގުތު ހޭދަކުރާ ވާހަކައޭ... ނައު ހޫޒް މައިންޑް އިޒް ޑާޓީ؟...'' ހިނިގަނޑު ކޮންޓްރޯލްކުރަމުން ރުހައިމް ބުނެލިއެވެ. ''މިހާރުއްސުރެ ޗުއްޓީއަށް ދާނެ ޑެންޑިނޭޝަންއެއް ފައިނަލް ކުރަންވީ އިނގޭ، އަހަންނަށް އާދެވުނުހާ އަވަހަކުން ލީވްގެ ކަންތަކުގަ އުޅޭނަން، ނާލާ ދާން ބޭނުންވަނީ ކޮން ތާކަށްތަ؟... ޕެރިސްއަށްދޯ، އޭރަށް ނާލާގެ ބަކެޓްލިސްޓް ވެސް ފުރިހަމަ ވާނެތާ...''
''ހެހެހެ، އޭރު އަހަރެން ހެދި މޮޔަ ލިސްޓް އަދިވެސް ހަނދާން އެބަހުރިދޯ...... މިހާރު އެންމެ މަންޒިލެއް ފިޔަވައި އަހަރެން ދާން ބޭނުންވާ ހުރިހާ ތަނަކަށް ގެންގޮސްދީފީމެއްނު.........'' ނާލާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަގެ އުފަލަށް ރުހައިމް ދޭ ސަމާލުކަމުން ނާލާގެ ހިތް ކޮންމެ ފަހަރަކު އުތުރިއަރައިގެންދެއެވެ. އޭނަ ހިތުގައި ވަންހަނާވެފައިވާ ސިއްރުތައް ވެސް ރުހައިމް ހޯދައިގަންނަ ގޮތެއް އޭނައަކަށް ނޭނގެއެވެ. އޭނަގެ ކޮންމެ ހުވަފެނެއް ހަޤީޤަތަކަށް ހެދުމަށް ރުހައިމް އަހައްމިއްޔަތުކަން ދެއެވެ. އެފަދަ ލޯބިވާ ފިރިޔަކު އޭނައަށް ނަސީބު ކުރެއްވީތީ މާތްﷲއަށް އަބަދުމެ ޝުކުރުކުރެވެއެވެ.
އެދެމެދެގައި އޮތް ލޯބި އިތުރަށް ފުރިހަމަވެ، އިތުރު ހަރުފަތްތަކަށް ގެންދަން ނާލާ ބޭނުން ވިއެވެ. ކުއްޖަކު ހޯދުމުގެ ޚިޔާލުން ނާލާގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ރުހައިމްއާ އެވާހަކަ ހިއްސާކުރަން ނާލާ ނުހަނު ބޭނުންވިއެވެ. ކެތްތެރިކަމާއެކު އިންތިޒާރުކުރެވެން ފެށުނެވެ. އޭނަ ފަދައިން ރުހައިމްއަށް ވެސް އެޚިޔާލު ކަމުދާނެކަމުގެ ޔަޤީންކަން ނާލާގެ ހިތުގައި އޮތެވެ.
ނާލާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި ރުހައިމްގެ މޫނަށް އޭނަ ނަޒަރު ހިންގާލިއެވެ. އެތުންފަތުގައިވި ހިނިތުންވުމާއި މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން ނާލާގެ ހިތަށް ރާހަތެއް ގެނެސްދިނެވެ. ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ. ހިތާހިތާ ދުޢާ ކެރެވުނީ އުފާވެރިކަމުގެ ދުވަސްތަކުން އަބަދުމެ އެދެމަފިރިންގެ ދިރިއުޅުން ރަންގުވެފައިވުމަށެވެ.
*****
ތިން ދުވަސް ފަސް......
ވިއްސާރަ ދުވަސްތަކަށް ފަހު އިރުގެ ގަދަ ހޫނުން ދުނިޔެ ދޮންކުރަމުން ދިޔައެވެ. ވިލާ ރޮއްޖެއްގެ މިންވަރު ވެސް އުޑުމަތިން ފެންނަމުން ނުދާއިރު ވައިރޯޅިއެއްގެ ހިލަމެއް ވެސް ނުވެއެވެ. ހުރަހެއްނެތި އައިސް ހަންގަނޑު ފޫއަޅުވާލާފައިދާ އިރުގެ ދޯދިތަކުގެ ހޫނުކަން އިތުރުވެގެން ދިޔައީ މެންދުރަށެވެ. އޭރު މަގުތައް ވެސް އޮތީ ހަލަބޮލި ވެފައެވެ. ސްކޫލްތައް ނިމޭގަޑިއާ މެންދުރަށް އޮފީސްތަކުގެ ބްރޭކް ލިބޭ ގަޑިއަށް ވުމުންނެވެ. ކާރުބާރު ބޮޑުވެފައިވާ މަގުތަކުން ބަރުގޮނުގެ އަޑު ކެނޑިގެން ނުދެއެވެ.
ފިޒާޔާއާއެކު އޮފީހުން ނިކުތް ޔަޝްފީއަށް ފޫހިކަމާއެކު ތުން އަނބުރާލެވުނީ މަގުމަތި ތޮއްޖެހިފައި އޮތް މަންޒަރު ފެނިފައެވެ. އަތްދަބަހުގައި އޮތް އަވިއައިނު ނަގައި ލޮލުގައި އަޅުވާލަމުން އިސްތަށިގަނޑުގައި އައްސާފައި އޮތް ވޫލްކޮޅު ދަމައިގަތެވެ. އިސްތަށިގަނޑު މިނިވަންކޮށްލަމުން އަތްފުނާއަޅާލިއެވެ.
ޔަޝްފީގެ މޫނުމަތިން ފެންނަމުންދާ ނުރުހުންތެރިކަމާއި ގުޅިފައިވަނީ ފެންނަމުންދާ ހަލަބޮލި މާހައުލާއެއް ނޫނެވެ. މެންދުރުގެ ކެއުމަށް މުވައްޒަފުންނާއެކު ދިއުމަށް އޭނަ ރުހައިމްއަށް ދައުވަތު ދިނުމުން ރުހައިމް އިންކާރުކުރީތީއެވެ. އެކުގައި މަސައްކަތްކުކުރާ މީހުންނާއެކު ކެއުމުގެ ޝައުޤުވެރިކަމެއް އޭނަގެ ނެތެވެ. އޭނަ ބޭނުންވީ ބަހަނާއެއް ދައްކައިގެން ވިޔަސް ރުހައިމްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްވެ. ނަމަވެސް ޢާއިލާއާއެކު މެންދުރުގެ ކެއުމަށް އިންސާފުކުރަން ބޭނުންވާ ކަމަށް ބުނެ ރުހައިމް މަނާވެގަތުމުން، އެކަމާ ޔަޝްފީ ހުރީ ރުޅިގަދަވެފައެވެ. ނާލާގެ ގާތަށް ރުހައިމް ދިއުމުންނެވެ. ނާލާއާއި ރުހައިމްގެ ދެމެދުގައި އޮތްނަ ލޯބި ފެނި އޭނަގެ ހިތަށް ފުން އަސަރުތަކެއް ކުރުވައެވެ. ހިތަށް ތަދުވެއެވެ. ނާލާއަށް ލިބިފައިވާ ނަސީބާ މެދު ހަސަދަވެރިވެއެވެ. އޭނަގެ ނަޒަރުގައި އެހުރިހާ އުފަލެއްގެ ހައްޤުވެރިޔަކަށް ވާންވީ އޭނައެވެ. ރުހައިމްގެ އަންބަކަށް ވާންވީ ވެސް އޭނައެވެ. ހަސަދަޔާއި ނަފުރަތު އެކުވެ ރޯވެގެން ދިޔަ އަލިފާނުން ނާލާއަށް ޔަޝްފީ ބަދު ދުޢާކުރިއެވެ. ކެތްތެރިކަމާއެކު އިންތިޒާރުކުރެވެމުން ދިޔައީ ރުހައިމްއާއި ނާލާގެ އުފާވެރި ހަޔާތަށް ނިމުން އަންނާނެ ދުވަހަކަށެވެ. އޭރުން އޭނަގެ ހައްޤަކަށް ރުހައިމް ވާނެއެވެ. އޭނަގެ ހިތަށް ފިނިކަމެއް ލިބޭނީ އޭރުންނެވެ.
ނާލާއަށް ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް އޭނަގެ ފަރުވާލެއް ނެތެވެ. ނާލާއާ މެދު ވިސްނާކަށް ވެސް އޭނަ ބޭނުމެއް ނޫނެވެ. އަހަރުތަކެއް ވަންދެން ކުރިލާ ފޯދެމުން އެދާ ނާލާއާއި ރުހައިމްގެ ހަޔާތާ މެދު ވެސް ފިކުރު ހިންގަން އޭނަ ބޭނުމެއް ނުވެއެވެ. ޔަޝްފީގެ ވިސްނުމުގައި ވަނީ އެންމެ ކަމެކެވެ. އޭނަގެ ހިތުގެ ވެރިޔާ ހާސިލުކުރުމެވެ. މީހެއްގެ ފިރިޔަކަށް ވިޔަސް އޭނައަށް ހެވެވެ. ޒަހަރު ލައިގެން ވިޔަސް އެހިތުގެ މުހުތާދުތައް އޭނަ ހާސިލުކުރާނެއެވެ. މިހާރު އިންތިޒާރުކުރަމުން އެދަނީ އެންމެ ރަނގަޅު ފުރުސަތަކަށެވެ. އަތުރަމުން އެދާ މަޅިފަތިތަކުން އޭނަ ކާމިޔާބު ހޯދާނެއެވެ. ބަލި ޤަބޫލުކުރުމަކީ އޭނަގެ މިޒާޖެއް ނޫނެވެ. ކާމިޔާބީ ހާސިލު ނުކުރެވެނީސް އޭނަ ހަމަ ނޭވާއެއް ވެސް ނުލާއެވެ. ރުހައިމްއާއެކު ނާލާ ވުމަށް އެންމެ ސިކުންތަކަށް ވެސް އޭނަގެ ހިތެއް ނުރުހޭނެއެވެ. ލޮލަށް ފެންނަ މަންޒަރުތަކުން އެހިތުގައި އަޅާ ވޭނުގެ ބަދަލުތައް، ނާލާގެ ފަރާތުން އޭނަ ހިފާނެއެވެ. ހިތިކަމާއެކުގައެވެ. އެތުންފަތުގައި ވާ ހިނިތުންވުންތައް ޖަހައިގަންނާނެއެވެ. އަދި ދިރިއުޅުން މަތިން ވެސް ފޫހިކުރުވާނެއެވެ. އޭނަގެ ހިތުގެ އެދުންތައް ހާސިކުރުވޭނެ ފަދަ މޮޅު ރޭވުމެއް ވެސް އޮތީ ސކުނޑީގައި ކުރަހާލެވިފައެވެ. އެރޭވުންތަކުގައި ކުލަޖެހިގެންދާން މާގިނަ ދުވަހެއް ވެސް ނެތެވެ.
''ހާދަ ރުޅިއެއް އާދެޔޭ އެއަންހެނާ ދެކެ، މާކަ ރީތި މީހެއް ވެސް ނޫނޭ، އޭނައާއި އަހަންނާއި އަޅާ ބަލާއިރު އުޑާ ބިމުގެ ތަފާތު އެބަހުރި، ހުރިހާ ގޮތަކުން ވެސް އޭނައަށް ވުރެ އަހަރެން ފުރިހަމަ، ދެން ކީއްވެތަ ރުހައިމް އަހަންނަށް ނުބަލަނީ؟، ސަމާލުކަން ނުދެނީ؟، އެއީ އެޑަކައިތު އަންހެނާގެ ސަބަބުން ވާހާ ކަންތަކޭ، އަވަހަށް މަރުވާކަށް ވެސް ނޫޅެޔޭ، އެމުސީބާތުން ސަލާމަތްވެގެން ނޫނީ އަހަންނަށް ރުހައިމް ލިބޭކަށް ނެތް، ހިތްހެޔޮކަމުގެ އެކްޓްކޮށްކޮށް އަހަރެންގެ ގައިގައި ހުޅުރޯވާހާ ވެއްޖެ......'' ދުވާރު މައްޗަށް އިމާރާތްތަކުން ހިޔާދީފައި އޮތް ހިސާބުން ހިނގަމުން ޔަޝްފީއަށް އެހިތުގައި އޮތް ރުޅިވެރިކަން ބޭރުކޮށްލެވުނެވެ. އޭރު ޗާބީދީފައިވާ ބުދެއްހެން ޔަޝްފީގެ ފަސްފަހަތުން ފިޒާޔާ އާދެއެވެ. ޔަޝްފީ އެހާ ރުޅިގަދަވެފައި ހުރުމުން އޭނަ ނުތަނަވަސް ވިއެވެ. ޔަޝްފީ އަމަލުކޮށްފާނެ ގޮތެއް ނޭނގޭތީއެވެ. ދުވަހަކު ވެސް ކަމެއް ކުރުމުގެ ކުރިން އަދި އެއަށްފަހުގައި ވެސް އެކަމުން ނިކުމެދާނެ ނަތީޖާއަކާ މެދު ޔަޝްފީ ވިސްނާނުލާނެއެވެ.
''ޔަޝް ދެން ރުޅިގަދަ ނުވެބަލަ... ނިކަން ހަމަޖެހިލައިގެން ހުރީމަ ބޭނުންވާ ގޮތަށް ކަންތައް ވާނީ...'' ފިޒާޔާ ބުންޏެވެ. އޭނަ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ޔަޝްފީގެ ރުޅިގަނޑު އޭނައަށް އަމަޒުވެދާނެތީ އެކަމާ ވެސް ފިކުރު ހިންގާލެވުނެވެ.
''އަހަރެން މިހިރީ ހަމަޖެހިލައިގެން... މަދު ދުވަސްކޮޅެއް ދެން އޮތީ...'' ފުންނޭވާއެއް ދޫކޮށްލަމުން ޔަޝްފީ ބުނެލިއެވެ. ދެވަނަ ސިކުންތުގައި އެމޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ ލިސާންތަކަށް ނިމުމެއް އަތުވެއްޖެއެވެ. ހީވީ މުޅިން ތަފާތު މީހަކަށް ބަދަލުވިހެންނެވެ. އެކަމުން ފިޒާޔާއަށް ލިބުނީ އިތުރު ހާސްކަމެވެ. ޔަޝްފީ ދަސްވެފައިވާ މީހެއްގެ ހައިސިއްޔަތުން އެއީ އިންޒާރުގެ ރަނގަބީލެއްކަން އޭނައަށް ނަގައިގަނެވުނެވެ.
''ވަޓް އާރ ޔޫ ޕްލޭނިންގް؟...'' ފިޒާޔާ އެހިއެވެ. ޔަޝްފީގެ ސިކުނޑީގައި ދައުރުވަމުންދާ ޚިޔާލުތައް އޮޅުންފިލުވަން އޭނަ ބޭނުން ވިއެވެ. އެކަމުން ނިކުމެދާނެ ނަތީޖާއަކުން އޭނައަށް އަސަރުކޮށްފާނެތީއެވެ.
''ހެހެހެ، ފިޒާއަށް މިވަގުތަކު އެނގޭކަށް ނުޖެހޭ، އެވްރީތިންގް އިޒް ޕްލޭންޑް، އެސްޓާ މިހާރު އުޅެނީ ލަންޑަންގަ ކަން އެނގެއެއްނު؟، އަހަރެން އޮތްނާނީ އޭނަ ގާތު އަންނަ ވާހަކަ ބުނެފަ... އޭނަގެ އެހީއާއެކު އަހަރެން ބޭނުންވާ ކަންތައް ހާސިލުކުރެވޭނެ... މާލެ އާދެވުނީމަ އަހަރެން ކިޔައިދޭނަން، އެހާ އިރަށް އިންތިޒާރުކޮށްލާ...'' ޔަޝްފީގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އެހިނިތުންވުން އޭނަގެ ލޮލާ ހަމައަށް ވެސް ފޯރިއެވެ. އެދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ.
''އެސްޓާ؟!... ޔަޝް އަނެއްކާ ކީއްކުރަންތަ ތިއުޅެނީ؟.......'' ޔަޝްފީ ހާމަކުރި ނަމެއްގެ ސަބަބުން ފިޒާޔާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އޭނަގެ އަޑުގައި ވަނީ ހައިރާންކަމާއި ކަންބޮޑުވުމެވެ.
''ޔޫ ޑޯންޓް ހޭވް ޓު ވޮރީ، އަހަރެން ކުރިން ވެސް ބުނީމެއްނު ބޭނުންވަނީ ފުރުސަތެކޭ، މިއޮތީ އެފުރުސަތު ލިބިފައި.... އިޓް ވިލް ވޯރކް، އައިލް މޭކް ޝުއާރ ދެޓް އިޓް ޑަޒް...'' ޔަޝްފީގެ އަޑުގައިވަނީ ޔަޤީންކަމެވެ. ސާބިތުކަމެވެ. އުއްމީދެވެ.
ޔަޝްފީގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން ފިޒާޔާއަށް ޔަޤީންކުރެވުނެވެ. ހިތްނުތަނަވަސް ވިޔަސް އިތުރުގޮތެއް އޭނައަކަށް ނެތެވެ. އޭނަ ބިރުގަންނަނީ ޔަޝްފީގެ ރޭވުން ކާމިޔާބު ނުކުރެއްވިއްޖެނަމަ ނިކުމެދަނެ ނާތީޖާއަކާ މެދުގައެވެ. އޭރުން ރުހައިމްގެ އަމަލުތައް ހުންނާނެ ގޮތެއް ވެސް އަންދާޒާކޮށްލަން ދައްޗެވެ. ރުހައިމްގެ ރުޅިވެރިކަން އަމާޒު ވެއްޖެނަމަ ވާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ. ހިތުގެ އެދުމުގެ މައްޗަށް ޔަޝްފީ އަމަލުކުރާއިރު ރަނގަޅަށް ވިސްނާ ވެސް ނުލައެވެ. ޔަޝްފީ ކުރާ ކޮންމެ ކަމެއްގައި އޭނަގެ ނަން ވެސް ކިލަނބުވާނެއެވެ. ޔަޝްފީގެ އެކުވެރިޔަކަށް ވީތީއެވެ. ނުވީތާކަށް އެސްޓާގެ ނަން އަޑުއިވުމުން އޭނަ ހަޤީޤަތުގައި ވެސް ހާސްވެއްޖެއެވެ. ޔަޝްފީގެ ވިސްނުން ހުރި ގޮތެއް ނޭނގޭތީއެވެ. ގާތް އެކުވެރިޔަކަށް ވިޔަސް ބޭނުންވާ ވާހަކަތައް މެނުވީ ޔަޝްފީ ހިއްސާ ނުކުރާނެއެވެ. އަނދިރިކަމެއްގެ ތެރޭގައި ހުރުން ނޫން ގޮތެއް އޭނައަކަށް ނެތެވެ.
''އަހަންނަށް ފިޒާގެ އެހީ ބޭނުންވާނެ މާލެ އާދެވުނީމަ... އެހީވާނަން ދޯ؟... ނޫނެކޭ ނުބުނާތި!...'' ކަފިހުރަސް މަތިން ހިނގާފައި ގޮސް، މަގުގެ އަނެއް ފަޅީގައި ހުރި ރެސްޓޯރެންޓަށް ޔަޝްފީ ވަނެވެ. އޭނަ ފަސްއެނބުރި ފިޒާޔާއަށް ބަލައިލިއެވެ.
''ކޮންކަމެއްތަ ކުރަން ޖެހޭނީ؟...'' ހައިރާންކަމާއެކު ފިޒާޔާ ސުވާލުކުރިއެވެ.
''މާ ބޮޑުކަމެއް ނޫން... އަހަރެން ފަހުން ކިޔައިދޭނަން... މިހާރު ވަރަށް ބަނޑުހައިވެފަ މިހުރީ، މިއަދު ކާން ބޭނުން ވަނީ ޕިއްޒާ......'' ޔަޝްފީ މިސްރާބު ޖެހީ ރެސްޓޯރެންޓްގެ މަތީ ފަންގިފިލާއަށް އަރަން ހުރި ސިޑިއާއި ދިމާއަށެވެ. ޔަޝްފީއަށް ބަލަން ހުރެފައި ފިޒާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ޔަޝްފީގެ ފަހަތުން ހިނގައިގަތެވެ.
(ނުނިމޭ)