ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވާ އޮންލައިން ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާޗަންޓް ކަރަންސީގެ ގޮތުގައި ޑޮލަރު ދެއްކޭނެ ގޮތް ހަމަޖެއްސުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތުގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހުކޮށްފައެވެ. މިއީ ރައީސް ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ފަހު ސިޔާސަތެވެ.
މިރޭ އިއުލާންކުރި އެމްޑީޕީ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުގެ ދަށުން، އެސްއެމްއީ ހަބް ފަދަ ވިޔަފާރި ހިންގާނެ އިތުރު އަދި ބޮޑެތި ޖާގަތައް ގާއިމުކޮށް، ކުޑަ އަގުގައި ވިޔަފާރިތަކަށް ދޫކުރުމާއި، ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވާ އޮންލައިން ވިޔަފާރިތަކަށް ބީއެމްއެލްގެ މާޗަންޓް ކަރަންސީގެ ގޮތުގައި ޔޫއެސް ޑޮލަރު ދެއްކޭނެ ގޮތް ހަމަޖެއްސުން ވެސް އެ ސިޔާސަތުގައި ހިމެނެއެވެ.
އެންމެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރަހުނު އަދި އިކުއިޓީއާ ނުލައި ފައިނޭންސިން ފޯރުކޯށްދިނުން މިހާރަށްވުރެ ފުޅާކޮށް، އެގޮތުގެ މަތިން އިތުރު ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މައިކްރޯފައިނޭންސިން ސްކީމުތައް ތައާރަފުކޮށް، އެ ސްކީމުތަކުގެ ދަށުން ގޭގައި މަސައްކަތްކުރާ އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެ ސިޔާސަތުގެ ދަށުން، އަމިއްލަ އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށް މިހާރު ހިންގާ ހިލޭ އެހީގެ ޕްރޮގްރާމުތައް (ގްރާންޓް ޕްރޮގްރާމްތައް) ފުޅާކޮށް، އެ ފަރާތްތައް މޮނިޓާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް، ބިޒްނަސް އިންކިއުބޭޝަން/އެކްސެލެރޭޓާ ޕްރޮގްރާމުތައް އިތުރުކޮށް އިދާރީ، އީޖާދީ، ފަންނީ، އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
އޭގެ އިތުރުން އިނޮވޭޓިވް ފައިނޭންސްގެ ގޮތުގައި ތިމާވެއްޓާ ރަހުމަތްތެރި ވިޔަފާރިތަކަށް ގްރީން ފައިނޭންސް (އިއާދަކުރަނިވި ހަކަތަ ފަދަ) އަދި ސޯޝަލް އިމްޕެކްޓް ބޮންޑު ފަދަ ޕްރޮޑަކްޓްތައް ތައާރަފުކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕްތައް އިންވެސްޓަރުންނާ ގުޅުވައިދިނުމަށް ވަކި ޕްލެޓްފޯމެއް މެދުވެރިކޮށް "ކްރައުޑް ފަންޑިން މެކޭނިޒަމް"އެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
އިސްލާމިކް ފައިނޭންސާއި ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ދެވޭ އެހެނިހެން މާލީ ހިދުމަތްތައް އާ ޓިޔާ-ވަން އެސްއެމްއީ އިސްލާމިކް ބޭންކެއް ގާއިމުކޮށް ފޯރުކޮށްދީ، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީކޮށް ވިޔަފާރިތަކާއި އިންވެސްޓަރުންނަށް މާލީ ބާޒާރުގެ ފުރިހަމަ މަންފާ ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސިޔާސަތުގައި ހިމެނެއެވެ. އަދި ކުދި ވިޔަފާރިތަކަށް ހާއްސަކޮށް އިސްލާމިކް ފައިނޭންސިން ފުޅާކޮށް، އިތުރު ޕްރޮޑަކްޓްތައް ތައާރަފުކުރުމަށް ހަމަޖެހިފައިވެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމުގައި ބޭންކުތަކުން ބަލާ މިންގަނޑު އިތުރަށް ލުއިކޮށް، ވިޔަފާރިތަކަށް ހާއްސަ މިންގަނޑެއް (އޮލްޓަނޭޓިވް ކްރެޑިޓް ސްކޯރިން ސިސްޓަމް) ތައާރަފުކުރުމާއި، ކުދި ވިޔަފާރިތަކަށް އިތުރަށް މާލީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދީ، ފަހި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ރެގިއުލޭޓަރީ ނިޒާމު އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ. އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް ހިދުމަތްތައް ފުޅާކުރުމަށް އެ ސިޔާސަތުގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުން ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން، ދެ މިލިއަން ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތައް، މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކުހުންނާއި އާމްދަނީން ނެގޭ ޓެކުހުން އިސްތިސްނާކޮށް، އެފަރާތްތަކަށް ހާއްސަ، ކޮންމްޕްލަޔަންސް ކޮސްޓް ކުޑަ، އިދާރީ ގޮތުން ފަސޭހަ، ޕްރިޒަމްޕްޓިވް ޓެކުހުގެ ނިޒާމެއް ތައާރަފުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ދިވެހި ހުރިހާ ވިޔަފާރިތަކަށް ފީތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުން މެދުވެރިވެގެން ޒަމާނީ ޕޭމަންޓް ސާވިސް ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ސިޔާސަތުގައި ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު