Close Election
Close
ދުނިޔެ

އިތުރު ހަ ގައުމަކަށް މެންބަރުކަން ދިނުމާއެކު ބްރިކްސްގެ ސައިޒު އެގާރައަށް!

އިމާދު ލަތީފު

ދެކުނު އެފްރިކާގައި މިމަހު ބާވީހުން ސައުވީހަށް ކުރިއަށް ގެންދިޔަ ބްރިކްސް ސަމިޓް ނިންމާލުމުގެ ކުރިން މި ޖަމިއްޔާ ފުޅާކުރުމުގެ ޕްލޭން ވަނީ އިއުލާންކޮށްފައެވެ. ކުރިއަށްއޮތް އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު އިތުރު ހަ ގައުމު މި ޖަމާއަތުގައި ބައިވެރިކުރަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. އެ ހަ ގައުމަކީ ސައޫދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އީރާން، އާޖެންޓީނާ އަދި މިސްރާއި އިތިއޮޕިއާއެވެ. މި ހުރިހައި ގައުމުތައް މި ޖަމާއަތަށް ވައްދަނީ ފުރިހަމަ މެންބަރުންގެ ގޮތުގައެވެ. ބްރިކްސްގެ މެންބަރުންގެ އަދަދު އެގާރައަށް އިތުރުވުމަކީ މި ޖަމާއަތުގެ ބާރުގަދަވާނެ ކަމެކެވެ. އެކަމަކު މީގެތެރޭގައި ދާޚިލީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ގެނބިފައިވާ ގައުމުތައްވެސް އެބަތިއްބެވެ. މީގެ އެއްމިސާލަކީ އެފްރިކާ ބައްރުން އިތިއޮޕިއާއެވެ.

ބްރިކްސް ޖަމާއަތް ފުޅާކުރުމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ޖަމާއަތުގެ ލަނޑުދަނޑިއެކެވެ. ވިސްނުމެކެވެ. ބްރިކްސްގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކިފަންތީގެ އެތައް ގައުމަކުން ވަނީ އެދިފައެވެ. މިއެންމެހައި ގައުމުތަކުގެ އިގްތިސާދުގެ ދުޅަހެޔޮކަން ބަލައި ދިރާސާކުރަނީ އަދިކުރާނީ ބްރިކްސްގެ ގުޅިފައިވާ ބޭންކުންނެވެ. އާއްމުގޮތެއްގައި އެ ބޭންކަށް ކިޔަނީ ނިއު ޑިވެލޮޕްމަންޓް ބޭންކް، އެންޑީބީއެވެ. މި ބޭންކުގެ އެންމެއިސް ވެރިޔަކީ ބްރެޒިލްގެ ކުރީގެ ރައީސާ ޑިލްމާ ރޫސެފްއެވެ. މިހަފުތާގައި ރޫސެފް ވިދާޅުވެފައިވަނީ ބްރިކްސްގައި ބައިވެރިވާން ރަސްމީކޮށް ހުށައަޅާފައިވާ ގައުމުތަކުގެ ތެރެއިން ފަނަރަ ގައުމެއްގެ ހުށައެޅުން އެންޑީބީގެ ފަރާތުން މުރާޖާކުރި ކަމުގައެވެ. އެއީ ކޮން ގައުމުތަކެއްކަން އެކަމަނާ ވިދާޅެއް ނުވެއެވެ.

ބްރިކްސްގެ ވިސްނުންހުރީ އެއް ސަރަހައްދަކަށް ނިސްބަތްވާ ގައުމުތައް ގިނަކުރުމުގެ ބަދަލުގައި ދުނިޔޭގެ ވީހާވެސް ގިނަ ކަންކޮޅުތަކުން ގައުމުތައް ވެއްދުމަށެވެ. ހަގީގީ މާނައިގައިވެސް އާލަމީ ޖަމާއަތަކަށް ހެދުމަށެވެ. ބްރިކްސް، މިނަމަކީ މި ޖަމާއަތުގެ ފަސް މުއައްސިސުންގެ ނަމުގެ ފުރަތަމަ އަކުރު ބޭނުންކޮށްގެން ކިޔާ ނަމެކެވެ. ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ އަދި ސައުތު އެފްރިކާއެވެ. އެހެންވިޔަސް މި ފަސްގައުމާ ހަމައިން މި ޖަމާއަތުގެ ދޮރުބަންދުކޮށް ތަޅުލައިގެން ނުތިބޭނެ ކަމަށް ވަރަށް ކުރީއްސުރެ އައީ ބުނަމުންނެވެ. އެންޑީބީން އައު މެންބަރުންނާމެދު މުރާޖާކޮށްފައި އެންމެ ފުރަތަމަ އޯކޭކޮށްފައި މިވަނީ އެބޭންކުގެ ރައުސުމާލަށް އާރޯކަން ގެނެވޭވަރުގެ ފޯރުންތެރި ފުދުންތެރި އަދި ސިޔާސީގޮތުން ބުރަދަންހުރި ގައުމުތަކެވެ. ޚާއްސަކޮށް ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ.

ބްރިކްސްގައި ބައިވެރިވާން އެދިފައިވާ ގައުމުތަކުގެ ތެރެއިން ފަނަރަ ގައުމެއްގެ ހުށައެޅުމާއެކު އެގައުމުތަކުގެ އިގްތިސާދީ އަދި މާލީ ދުޅަހެޔޮކަން އެންޑީބީން ދިރާސާކުރިއިރު މީގެ ތެރެއިން ހަ ގައުމެއް ބްރިކްސްއަށް ވެއްދުމުގެ ފެހި ސިގްނަލް ދިނީ އެންޑީބީންނެވެ. މީގެތެރޭގައި ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭނެކަމުގެ އިޝާރާތްތައް މާކުރިންވެސް އެކިދިމާލުން އައީ ލިބެމުންނެވެ. އެންޑީބީގެ ރައުސުމާލް އިތުރުކުރުމަށް ސައޫދީ އަރަބިޔާގެ ފަންޑިން ހޯދުމާގުޅޭގޮތުން ހުސްވި ޖުލައިމަހުގެ ތެރޭގައި ސައޫދީ އަރަބިޔާ އާއި އެންޑީބީ ވަނީ މަޝްވަރާތަކެއްވެސް ބާއްވައިފައެވެ. ހަމަ މިޒާތުގެ މަޝްވަރާތަކެއް ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއެކުވެސް ވަނީ ބާއްވައިފައެވެ. މިދެގައުމުގެ ފައިސާ މި ބޭންކަށް ވަނީމާ ދެން ލޭންދޭނުގެ އުސޫލުން އެހެން ގައުމުތަކަށް ފައިސާދޫކުރުމުގެ ކަންކަން ބްރިކްސް ޖަމާއަތް އުންމީދުކުރާ ފެންވަރުގައި ފެށުމަށް މަގުފަހިވާނެއެވެ.

ބްރިކްސް ޖަމާއަތުގައި ބައިވެރިވާން ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ބޭނުންވި ސަބަބަކީ ހުޅަނގުގެ މާލީ ނިޒާމަށް ބަރޯސާވުން ކުޑަކުރުމާއި ދުނިޔޭގެ މާލީ ނިޒާމު ބޭނުންކޮށްގެން ހުޅަނގުގެ ގަައުމުތަކުން މިހާރު ކުޅެމުންދާ ސިޔާސީ ކުޅިވަރު މަދުކުރުމަށް ބާރުއެޅުމެވެ. ބޭނުންއިރަކު ބޭނުންބަޔަކާ ދެކޮޅަށް ފިޔަވަޅުއަޅައި އަދަބު ދިނުމަށް ގެންގުޅޭ ވަސީލަތަކަށް ދުނިޔޭގެ މާލީ ނިޒާމު ހެދިޔަ ނުދިނުމެވެ. މިދެގައުމަކީވެސް ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. އިންތިހާއަށް މުއްސަނދިކަން ލިބިފައިވާ އަދި ފައިސާގެ ރިޒާވް އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައިވެސް މި ދެގައުމު ހިމެނެއެވެ. އެހެންވީމާ މި ދެގައުމުގެ ބައިވެރިވުމަކީ ބްރިކްސްއާއި އެ ޖަމާއަތުގެ ނިއު ޑިވެލޮޕްމަންޓް ބޭންކަށް މިހިނދަށް ވަރަށް ބޭނުންވެފައިވާ ކަމެކެވެ.

ބްރިކްސްގެ ގައުމުތައް ގުޅިގެން ދުނިޔޭގެ މާލީ ނިޒާމަށް ބޮޑު އިންގިލާބެއް ގެނެސް ދުނިޔޭގެ ރިޒާރވް އައު ކަރަންސީއެއް ތައާރަފު ކުރުމުގެ ވިސްނުން ގެންގުޅޭއިރު ބްރިކްސްގެ އެގާރަ ގައުމުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކާ ވަރަށް ބޮޑަށްޖެހިފައިވާ ހަތުރުވެރި ގައުމުތައްވެސް އެބަހިމެނެއެވެ. މީގެ އެއްމިސާލަކީ ބްރިކްސްގެ އޮރިޖިނަލް މުއައްސިސުންގެ ތެރެއިން ޗައިނާ އާއި އިންޑިޔާއެވެ. އަލަށް ވެއްދި ގައުމުތަކުގެ ތެރެއިން މިސްރާއި އިތިއޮޕިޔާއަކީ ނީލަކޯރުގެ ފެން ހިއްސާކުރުމުގެ މައްސަލައިގައި ދެންމެ ދެންމެ ހަނގުރާމައެއް ފަށައިފާނެ ހާލަތުގައިވާ ދެ ގައުމެވެ. އެހެންވީމާ މިޒާތުގެ އަރައިރުންތައް އެއްފަރާތްކޮށް ގުޅިފައިވާ އިގްތިސާދީ އަދި މާލީ ނިޒާމަކަށް ކުރެވޭ މަސައްކަތުގައި އެއްބާރުލުމާއި އެހީތެރިކަން ދެވޭނެ މިންވަރު އަދިއޮތީ ސުވާލުމާކެއްގެ ތެރޭގައެވެ.