Close Election
Close
ދުނިޔެ

ބްރިކްސް ފުޅާކުރުމާމެދު މުއައްސިސުންގެ މެދުގައި ވަރަށްބޮޑު ޚިޔާލު ތަފާތުވުމެއް!

އިމާދު ލަތީފު

ބްރިކްސްގެ ގައުމުތަކުގެ އިގްތިސާދީ މަހާސިންތާ ނުވަތަ ސަމިޓް މި ހަފުތާގެ އަންގާރަދުވަހު ދެކުނު އެފްރިކާގެ ޖޮހަނެސްބާގުގައި ފަށާނެއެވެ. މުޅިއެކު ތިން ދުވަހަށް ދެމިގެންދާ މި ސަމިޓަކީ ބްރިކްސްގެ ފަނަރަވަނަ ސަމިޓެވެ. މިއީ ކޮރޯނާ ވައިރަހުގެ އާލަމީ ވަބާއަށްފަހު އެންމެން އެއްތަންވެގެން ބާއްވާ ފުރަތަމަ ސަމިޓެވެ. މި ސަމިޓުގައި ބްރިކްސްގެ މުއައްސިސުން ކަމުގައިވާ ފަސް ގައުމުގެ ތެރެއިން ހަތަރު ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ، ޗައިނާގެ ރައީސް ޝީ ޖިންޕިން، ބްރެޒިލްގެ ރައީސް ލޫލާ ޑަސިލްވާ އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މުއައްސިސުންގެ ތެރެއިން މަންދޫބަކު ފޮނުވަނީ ރަޝިޔާއިން އެކަންޏެވެ. ރައީސް ޕުޓިންގެ ބަދަލުގައި ރަޝިޔާ ތަމްސީލު ކުރައްވާނީ ޚާރިޖީވަޒީރު ލަވަރޯފެވެ.

ރައީސް ޕުޓިންގެ ބައިވެރިވުމެއް ނެތްކަން ރަޝިޔާއިން ވަނީ ހުސްވި ޖުލައިމަހު އަންގައިފައެވެ. މީގެ ސިއްރަކީ ރައީސް ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފައިވުމާއި ސަމިޓް ބާއްވާ ދެކުނު އެފްރިކާއަކީ އެ ކޯޓު ވުޖޫދުކުރުމުގެ މުއާހަދާގައި ސޮއިއަޅައިގެން އޮތް ގައުމަކަށްވުމެވެ. ރައީސް ޕުޓިން ދެކުނު އެފްރިކާއަށް ވަޑައިގެންފިނަމަ ޑިޕްލޮމެޓިކް ގޮތުން ދެކުނު އެފްރިކާއަށް ވަރަށް ބޮޑު ހައިޖާނަކާ ކުރިމަތިލާން ޖެހޭނެއެވެ. ރަޝިޔާގެ ނިންމުން އައިސްފައިވަނީ ދެކުނު އެފްރިކާއިންވެސް އެގޮތަށް އެދިގެންނެވެ. ދެގައުމުން މަޝްވަރާކޮށްފައެވެ. އަނެއްހެން ދެގައުމުގެ މެދުގައި ދެބަސްވެރިވުމެއް މައްސަލައެއް ނެތެވެ. ރައީސް ޕުޓިން ވަޑައިނުގަތަސް ސަމިޓްގެ ބައިވެރިންނާ އޭނާ މުޚާތަބު ކުރައްވާނެއެވެ. ވީޑިއޯ ލިންކެއް މެދުވެރި ކުރައްވައިގެންނެވެ.

މިފަހަރުގެ ސަމިޓުގައި ބައިވެރިވުމަށް އެފްރިކާ، އޭޝިޔާ އަދި ލެޓިން އެމެރިކާގެ 67 ގައުމެއްގެ ވެރިންނަށް ބްރިކްސްއިން ވަނީ ދައުވަތު އަރުވައިފައެވެ. މިދެންނެވި ގައުމުތަކުގެ އިތުރަށް ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ވެރިންގެ ތެރެއިން ބްރިކްސްއިން ހޮވައިލި ބޭފުޅުންކޮޅަކަށްވެސް ވަނީ ދައުވަތު އަރުވައިފައެވެ. އޭގެތެރޭގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒާއި އެފްރިކާގެ އެއްބައިވަންތަކަމުގެ ޖަމިއްޔާގެ ކޮމިޝަނަރު މޫސާ ފާކީ މުހައްމަދާއި ބްރިކްސްގެ ޑިވެލޮޕްމަންޓް ބޭންކުގެ ރައީސް ހިމެނިވަޑައިގަންނަވައެވެ. ގަބޫލު ކުރެވޭގޮތުން އެފްރިކާގެ އެންމެ ބޮޑެތި މަހުޖަނުންވެސް މިސަމިޓަށް ހާޒިރުވާނެއެވެ. އެފްރިކާއަށް މިފަހަރު އިސްކަންދެނީ ސަމިޓް ބާއްވަނީ އެފްރިކާ ބައްރުގައި ކަމަށްވެފައި ސަމިޓުގެ ޝިއާރަކީ އެފްރިކާގެ ތަރައްގީކަމަށް ވުމުންނެވެ.

އިގްތިސާދީ ގުޅުންތައް ބަދަހިކުރުމާއި ވިޔަފާރީގެ އޮނިގަނޑު ތަރައްގީކޮށް ހަރުދަނާކުރުމުގެ އިތުރަށް މިފަހަރުގެ ސަމިޓުގެ އެޖެންޑާގައި ދެން ހިމެނޭ އެންމެ މުހިއްމު ކަމަކީ މި ޖަމާއަތަށް އިތުރު މެންބަރުން ވެއްދުމާއި ބްރިކްސް ފުޅާކުރުމުގެ މައްސަލައެވެ. މިއީ މިހާރުވެސް ބްރިކްސްގެ މުއައްސިސުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ. އެފްރިކާ އާއި އޭޝިޔާ އަދި ލެޓިން އެމެރިކާއާއި ޔޫރަޕުން މިހާރުވެސް ސާޅީހަށްވުރެ ގިނަ ގައުމު ވަނީ ބްރިކްސްގައި ބައިވެރިވާން އެދިފައެވެ. މިއެންމެނަށް ފުރުސަތު ހުޅުވާލައި މި ޖަމާއަތަށް ވެއްދުމަށް މުއައްސިސުންގެ ތެރެއިން ޗައިނާ އާއި ރަޝިޔާ ތާއީދު ކުރެއެވެ. އެކަމަކު އިންޑިޔާއިން މިކަމާ ދެކޮޅެވެ. އިންޑިޔާއިން ބުނާގޮތުގައި އެދޭހާ ބަޔަކު ވެއްދުމުގެ ބަދަލުގައި އިސްކަންދޭންޖެހޭނީ ވަކިވަރެއްގައި އިގްތިސާދު މެނޭޖްކޮށް ހިފެހެއްޓުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ ގައުމުތަކަށެވެ.

ބްރިކްސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަލްޖީރިޔާ، މިސްރު، އިތިއޮޕިއާ، ސައޫދީ އަރަބިޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އިންޑޮނީޝިޔާ، އީރާން އަދި ބިލަރޫސްއާއި އާޖެންޓީނާ ހިމެނެއެވެ. މީގެތެރެއިން ބިލަރޫސް ފިޔަވައި އެހެން ހުރިހައި ގައުމަކީ ސަރަހައްދު ބޮޑު، އާބާދީވެސް ބޮޑު އަދި ގުދުރަތީ ވަސީލަތްތައްވެސް ގިނަ ގައުމުތަކެވެ. އެކަމަކު އިގްތިސާދު މެނޭޖްކުރުމުގައި ކެރިކުޅަދާނަކަން ދެއްކޭ މިންވަރު ތަފާތުވީމާ ފޯރުންތެރިކަން އެކި ގައުމުތަކުގައިހުރީ އެކި މިންވަރަށެވެ. އިންޑިޔާއިން ގަބޫލުކުރާގޮތުގައި ވަކި މިންގަނޑެއްގައި ނުހިފެހެއްޓޭ ބަޔަކު ވެއްދުމަކީ އޭގެ ބުރަ ބްރިކްސްއަށް އުފުލާންޖެހޭނޭ ކަމެކެވެ. އެހެންވީމާ އައު މެންބަރުން ވައްދަންވާނީ އިގްތިސާދު ހަމަޔަކަށް އަޅުވައި ވަކި މިންގަނޑެއް ހާސިލްކުރުމަށް މުހުލަތެއް ދިނުމަށްފަހުގައެވެ.

މިފަހަރުގެ އެޖެންޑާގައި ދެންއޮތް އެންމެ މުހިންމު ކަމަކީ އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ބްރިކްސްގެ މެންބަރު ގައުމުތަކުގެ މެދުގައި ހިންގޭ ވިޔަފާރީގެ އެކި މުއާމަލާތްތަކުގައި އެބައެއްގެ އަމިއްލަ ފައިސާ ބޭނުންކުރުން އިތުރުކުރުމުގެ މަޝްވަރާތަކެވެ. މިކަމާދޭތެރޭ ވަރަށް ފުޅާކޮށް ވާހަކަދައްކައި އެއްބަސްވުންތަކެއް އެކުލަވައިލާނެއެވެ. މިއީ ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަންވެސް ވަރަށް ބޮޑަށް ލިބިފައިވާ ނުގުތާއެކެވެ. ބްރިކްސްގެ ގުޅިފައިވާ އައު ފައިސާއެއް ތައާރަފުކުރުމުގެ ވާހަކަވެސް ދެކެވޭނެ ކަމަށް ކުރިންއޮތީ ހީކުރެވިފައެވެ. އެކަމަކު މިފަހަރުގެ އެޖެންޑާގައި ބްރިކްސްގެ ގުޅިފައިވާ އައު ރިޒާރވް ކަރަންސީއެއް ތައާރަފުކުރުމުގެ މަޝްވަރާތައް ނުހިމެނޭނެ ކަމަށް ދެކުނު އެފްރިކާއިން ވަނީ ދާދިފަހުން ބުނެފައެވެ. އެކަން ކުރާނީ ތަންކޮޅެއް ފަހުންނެވެ.