އަންނަ ދައުރުގައި އިންނަމާދޫ އާއި ރަސްމާދޫގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ރޯހައުސް ނުވަތަ ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭނަށް އިންނަމާދުއަށް ވަޑައިގެން މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ފަށާފައި، ނުނިމި ހުރި އެއްވެސް މަސައްކަތެއް ހުއްޓާ ނުލައި ކުރިއަށް ގެން ގޮސްފައިވާނެ ކަމަށާއި ރައްޔިތުންނަށް ދޭން ފަށާފައިވާ ހިދުމަތެއް ސަރުކާރު ބަދަލުވިޔަސް ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން މިރަށުގައި ފަށާފައި ހުރި މަޝްރޫއުތައްވެސް ނިންމާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ ދައުރުގައި މިރަށުގައި މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން މިރަށުގެ ސްކޫލްގެ އޮފީސް އިމާރާތް ހަދައި އިތުރު ފެސިލިޓީތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ޒުވާނުނަށް ހުރިހާ ވަސީލަތްތަކާ އެކު ޔޫތު ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

މިރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަން ހައްލު ކުރުމަށް ރޯހައުސް ނުވަތަ ފްލެޓްގެ ޕްރޮޖެކްޓެއް ހިންގަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ކައުންސިލްގެ އާ އިމާރާތެއް ހަދައި މިރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޮޑެތި މަގުތަކުގައި ތާރު އަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސިއްހީ މަރުކަޒަށް ބޭނުންވާ ވަސީލަތްތަކާ އެކު އެކްސްޓެންޝަން އިމާރާތެއް ތަރައްގީކޮށް، 24 ގަޑި އިރަށް ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މިއަދު ރަސްމާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އަންނަ ދައުރެއްގައި މިރަށަށް ކޮށްދެއްވަން ނިންމަވާފައިވާ ކަންކަންވެސް ހިއްސާކުރައްވައިފައެވެ.

އެގޮތުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވައި ތާރު އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސުކޫލްގެ މަލްޓިޕާޕަސް ހޯލާއި ކައުންސިލްގެ އާ އިމާރާތެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ޒުވާނުން ބޭނުންވާ ގޮތަށް ފުޓްބޯޅަ ދަނޑުގައި ޓާފު އަޅައި އައުޓް ޑޯ ޖިމެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިރަށުގެ ރައްޔިތުން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި މިރަށުގައި ރޯ ހައުސް ނުވަތަ ފްލެޓް ހަދައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިރަށުގެ ޒުވާނުން ހަދަން ފަށާފައިވާ ޔޫތު ސެންޓަރު ސަރުކާރުގެ ބަޖެޓްގައި ހިމަނައި އެ މަސައްކަތް ނިންމައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.