ރޮމްކޮމް ފިލްމު ޕަތީ ޕަތްނީ އޯރު ވޯ ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕަތީ ޕަތުނީ އޯރު ވޯ 2 އިންވެސް ލީޑް ރޯލުން ފެނިގެންދާނީ ކާތިކް އާރްޔަން އަދި ބޫމީ ޕެޑްނޭކަރުއެވެ. ނަމަވެސް ފުރަތަމަ ފިލްމުގައި ފެނިގެންދިޔަ އަނަންޔާ ޕާންޑޭ ދެވަނަ ބައިގައި ފެނިގެންނުދާނެ ކަމަށްވެއެވެ.
އަނަންޔާގެ ބަދަލުގައި ފެނިގެންދާނެ ބަތަލާއެއް އަދި ހަމަޖައްސާފައެއްނުވެއެވެ. މިހާރު ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރަމުން އަންނައިރު، މިއަންނަ އަހަރު ކުރީކޮޅު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
ކާތިކް މިވަގުތު ގެންދަނީ ޗަންދޫ ޗެމްޕިއަން ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އެއީ އިންޑިއާގެ ފުރަތަމަ ޕެރަލިމްޕިކް ގޯލްޑް މެޑަލިސްޓް އަދި ފްރީސްޓައިލް ފެތުންތެރިޔާގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ.
ބޫމީގެ ދެފިލްމެއްގެ މަސައްކަތް ކުރިއަށް ދެއެވެ. އެއީ ކުޝާ ކަޕީލާ އަދި ޑޮލީ ސިންގްގެ ތެންކް ޔޫ ފޯ ކަމިން އަދި އަރްޖޫން ކަޕޫރާއެކު ކުޅޭ ފިލްމު ދަ ލޭޑީ ކިލާ އެވެ.