- ރ. އިންނަމާދޫން އަލީ އަފާފު ރަމީޒު
އަންނަ ދައުރުގައި ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ އިމްތިޒާމްތައް ހަމަޖައްސައިދީ ސަރުކާރުން ހިންގާ އެކި ސްކީމްތަކުން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް މިރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިރަށަކީ ރާއްޖޭގެ އިގުތިސޯދުގެ ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށާއި ވަޑިން އެންމެ ގިނަ އެންމެ ކުޅަދާނެ މަސައްކަތް ތެރިން ތިބި ރަށް ކަމަށެވެ.
ނަމަވެސް ވަޑިންނަށް ދިމާވެފައި ހުރި ދަތި އުނދަގޫތަކެއް އެބަހުރި ކަމަށާއި އެބޭފުޅުންނަށް އިންވެސްޓްމެންޓެއް ފެށުމަށްޓަކައި ފައިސާ ހޯދުމަށް ދަތި އުނދަގޫ އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދައުރު ތެރޭގައި އެއް އަމާޒަކީ މިފަދަ މަސައްކަތްތެރިންނަށް ފަސޭހައިން ލޯނު ލިބޭނެ ނިޒާމެއް ގާއިމުކޮށްދިނުން. އެކަން އަޅުގަނޑުމެން ކޮށްދޭނަން. އަދި ސަރުކާރުގެ އެކި ސްކީމްތަކުގެ ތެރެއިން ތިބޭފުޅުންނަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދީ ބައްޓަން ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިރަށުގެ ވަޑިން އެންމެ ބޮޑަށް އެދުނު އެއް ކަމަކީ ވަންދޫން ބިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށާއި އެކަމުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދިވެސް އެ މަސައްކަތް އެއްކޮށް ނިންމާލެވިފައި ނުވާތީ ގިނަ ވަޑީންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
ކައިރި މުސްތަގުބަލެއްގައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވައި އެރަށުން ބިން ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބިން ދޫކުރުމަށް މިހާރުވެސް ނިންމާފައިވާ ކަމަށާއި ނަމަވެސް އީއައޭ އާއި އެހެނިހެން ކަންކަން ހުރުމުގެ އެކަން ނިމިފައި ނުވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު