ރަޝިޔާގައި ފްލައިޓެއް ވެއްޓި ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.
ރަޝިޔާގެ ނޫސްތަކުން ވަނީ އެގައުމުގެ ވެރިރަށް މޮސްކޯގެ ޓިވެއާ ރީޖަންގައި ހިނގި އެ ހާދިސާގައި ފްލައިޓުން ދަތުރުކުރި 10 މީހުން މަރުވެފައިވާކަމަށް ބުނެފައެވެ.
ވެއްޓުނު ފްލައިޓުގެ ފަސިންޖަރުންގެ ލިސްޓުގައި ރަޝިޔާގައި ހަރަކާތްތެރިވާ އަމިއްލަ އަސްކަރީ ޖަމިއްޔާއެއް ކަމަށްވާ ވަގްނާ ގްރޫޕުގެ ޗީފް ޔެވްގެނީ ޕްރިގްޒިން ހިމެނޭކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރު ރޮސާވިއަޓްސާ އިން ވަނީ ބުނެފައެވެ.
ނަމަވެސް ޗީފް ޔެވްގެނީ ޕްރިގްޒިން ދަތުރު ކުރިކަން ޔަގީން ނުވާކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯ އިން ސެންޓްޕީޓާސްބާގް އަށް ދަތުރުކުރި އެ ފްލައިޓުން ހަތް ފަސިންޖަރުންނާއި ތިން ފަޅުވެރީން ދަތުރުކުރިކަމަށް އޮފިޝަލުން ބުނެއެވެ. ފްލައިޓު ވެއްޓުނު ސަރަހައްދުގައި ރަޝިޔާގެ އިމަޖެންސީ އޮޕަރޭޝަނުގެ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.
ރަޝިޔާގެ ބައެއް ނޫސްތަކުން ވަނީ ފްލައިޓު ވެއްޓެން ދިމާވި ސަބަބާ މެދު އެކި ފަރާތްތަކުން އެކި ވާހަކަ ދައްކަމުންދާކަމަށް ބުނެފައެވެ. ބައެއް ފަރާތްތަކުން ވަނީ ފްލައިޓު ވެއްޓުނީ ނޫން ކަމަށާއި ރަޝިޔާގެ އެއާ ޑިފެންސުން ފްލައިޓު ވައްޓާލީ ކަމަށް ބުނެފައެވެ.
ރަޝިޔާ ސަރުކާރުގެ އެއްވެސް އޮފިޝަލަކު ފްލައިޓު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ