އިންޑިއާގެ ''ޗަންދްރަޔާން 3'' ކާމިޔާބުކަމާއެކު ހަނދުގެ ދެކުނު ތަނޑިއަށް ތިރިކޮށްފިއެވެ.

ގިނަ ދިރާސާތަކާއި ބުރަ މަސައްކަތްތަކާއެކު އިންޑިއާއިން ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރި އިރު، މިއީ އިންޑިއާއިން ހަނދަށް އުޅަނދެއް ފޮނުވަން ކުރި މަސައްކަތް ދެ ފަަހަރު ފެއިލްވުމަށްފަހު ކާމިޔާބުވި ފުރަތަމަ ފަހަރެވެ.

އިންޑިއާއިން ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރުމަށް ބޭނުންކުރި އުޅަނދު ''ވިކްރަމް'' ހަނދަށް ތިރިކުރުމާއެކު އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިހާރު އިންޑިއާ އޮތީ ހަނދުގައި ކަމަށް ވިދާޅުވެ، މުޅި އިންޑިއާއަށް މަރުހަބާ ދަންނަވައިފައެވެ.

''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރާ މަންޒަރު، މުޅި އިންޑިއާ ދިޔައީ ލައިވް ޓެލެކާސްޓު މެދުވެރިކޮށް ބަލަމުންނެވެ.

''ޗަންދްރަޔާން 3''ގެ ކާމިޔާބާއެކު އެކި ގައުމުތަކުން ދަނީ އިންޑއާއަށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިންގެ ތަހުނިޔާއެވެ. ޕޫޓިން ވަނީ އިންޑިއާއިން ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނަށް މަރުހަބާ ދަންނަވައި، މޯދީއަށް މެސެޖެއް ފޮނުއްވައިފައެވެ.

އިންޑިއާއިން ''ޗަންދްރަޔާން 3'' ކާމިޔާބުކަމާއެކު ހަނދުގެ ދެކުނު ތަނޑިއަށް ތިރިކޮށްފައިވާ އިރު، ރަޝިޔާއިން މިދިޔަ ހަފުތާގައި ހަނދަށް ތިރިކުރުމަށް މަސައްކަތް ކުރި އެގައުމުގެ ލޫނާ-25 ވަނީ ވެއްޓިފައެވެ. ރަޝިޔާއިން ވެސް ދިޔައީ ހަނދުގެ ދެކުނު ތަނޑީގައި ދިރާސާކުރުމަށް މިޝަނެއް ކުރިއަށް ގެންދަމުންނެވެ. ނަމަވެސް ލޫނާ-25 ވެއްޓި ސިގްނަލް ގެއްލުމާއެކު އެ މިޝަން ވަނީ ފެއިލްވެފައެވެ.

އިންޑިއާއިން 75 މިލިއަން ޑޮލަރު ހޭދަކޮށްގެން އެ ގައުމުގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން އުފައްދާފައިވާ ޗަންދްރަޔާންގެ ތިންވަނަ އުޅަނދު ކާމިޔާބުކަމާއެކު ހަނދަށް ތިރިކޮށް ހަނދުގެ ފަށަލައިން ސާމްޕަލް ނަގައި ދިރާސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ހަނދުގެ ހޯދުންތަކުން ހަނދުގައި ފެންހުރި ކަމަށް ބެލެވޭ ހަނދުގެ ދެކުނު ތަނޑީގައި ފެންހުރިކަން ޔަގީންކުރުމަށް ހާއްސަ ދިރާސާއެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.