މާލޭ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރ. ކިނޮޅޮހުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމައި އިފުތިތާހުކޮށްފިއެވެ.
ކިނޮޅޮހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ކުންފުނީގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ކިނޮޅޮހު ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، އެ ރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާނެ ކަމަށެވެ.
އޭގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް އަޅާފައިވާ ކަމަށާއި ފެން ރައްކާކުރުމަށްޓަކައި ފެންތާންގީ ވެސް އެ ރަށުގައި ބަހައްޓައި، ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމުކޮށް އަދި ސީ އައުޓްފޯލް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް ބުނީ އެ މަޝްރޫއުގެ ދަށުން ކިނަޅޮހުގެ ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީފަވާނެ ކަމަށެވެ. އޭގެ އިތުރުން ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިނޮޅަހުގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ 36.05 މިލިއަން ރުފިޔާއެވެ.
އެ މަޝްރޫއުގެ ސަބަބުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ދެކެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު